ކުޅިވަރު

ކުލަބް މޯލްޑިވްސް ކަޕް އަންނަ އޭޕްރީލް މަހު ބާއްވަން ނިންމައިފި


ރާއްޖޭގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް ކުލަބް މޯލްޑިވްސް ކަޕް އަންނަ އޭޕްރީލް މަހު ބާއްވަން ނިންމައިފިއެވެ.

ސަރުކާރު އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ވާދަކުރާ މި މުބާރާތަކީ ރާއްޖޭގައި ބާއްވާ ފުޓްސަލްގެ އެންމެ ވާދަވެރި އަދި އެންމެ ފޯރިގަދަ ހަރަކާތެއެވެ.

ކުލަބު މޯލްޑިވްސް ކަޕްގެ 15ވަނަ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 7 ވަނަ ދުވަހުއެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުގެ މުބާރާތުގެ މެޗުތައް ކުޅޭނީ ހުޅުމާލޭ ފުޓްސަލް ދަނޑުގައެވެ.

ކުލަބު ވެމްކޯ ބަލިކޮށް މިދިޔަ އަހަރުގެ ކުލަބު މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ހޯދީ ޔުނައިޓެޑް ބީއެމްއެލްއެވެ.

އެހެން އަހަރުތަކެކޭ އެއް ގޮތަށް މިއަހަރުވެސް ކުލަބު މޯލްޑިވްސްއާއިއެކު ކުރިއަށްދާ އެއިޓީން ތަރޓީ ވުމަންސް ފުޓްސަލް ފިއެސްޓާގެ ކުޅުންވެސް ކުރިއަށްދާނެއެވެ. މިއަހަރު އޮންނާނީ ވުމަންސް ފުޓްސަލް ފިއެސްޓާގެ ނުވަވަނަ މުބާރާތެއެވެ. މިދިޔަ ދެ އަހަރު ވުމަންސް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ހޯދީ އެމްޕީއެލްއެވެ.