ކޮންމެ ދަރިވަރަކީ ދީނަށް ލޯބިކުރާ އަޚްލާޤު ރަނގަޅު، ޤައުމަށް ވަފާތެރި ދަރިވަރަކަށް ހެދުމަކީ ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ އެންމެބޮޑު އަމާޒުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ޢިއްޒުންދީން ސްކޫލު ހުޅުވުމަށްފަހު ބޭއްވި ރަސްމިޔާތުގައި ވާދަހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ ދިރާސީ އައު އަހަރުގެ ތަހުނިޔާ ރާއްޖޭގެ ހުރިހާ ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނެވެރިންނަށް ފޮނުއްވާފައެވެ.
ޢިއްޒުންދީސް ސްކޫލު ހުޅުވުމަށް ބޭއްވިި ޚާއްސަ ރަސްމިއްޔާތުގައި ވާހަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވީ މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ ހިޔާވަހިކަން ލިބޭ ކޮންމެ ދަރިވަރަކީ، އިސްލާމް ދީނަށް ލޯބިކުރާ އަޚްލާޤު ރަނގަޅު، ޤައުމަށް ވަފާތެރި ދަރިވަރަކަށް ހެދުމަކީ ސަރުކާރުގެ އަމާޒުކަމަށެވެ. ޤައުމުގެ ތަރައްގީއާއި ކުރިއެރުން ގުޅިފައިވަނީ ރައްޔިތުންގެ ވިސްނުމުގެ މައްޗަށްކަމަށް ރައީސް ވިދާޅުވިއެވެ. ސްކޫލް މަރުޙަލާ ނިންމާއިރު ކޮންމެ ދަރިވަރަކުމެ ހުންނާނީ، ޙަޔާތުގެ ގޮންޖެހުންތަކާ ކުރިމަތިލެވޭ ވަރަށް އަމިއްލަ ނަފްސަށް އިތުބާރުލިބި، ތަރައްޤީ ހޯދުމަށްޓަކައި، އަމިއްލަ ފައިމައްޗަށް ތެދުވަން ތައްޔާރުވެފައިކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ، މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ ހިޔާވަހިކަން ލިބޭ ކޮންމެ ދަރިވަރަކީ، ދީނަށް ލޯބިކުރާ އަޚްލާޤު ރަނގަޅު، ޤައުމަށް ވަފާތެރި ދަރިވަރަކަށް ހެދުން. ޤއުމުގެ ތަރައްޤީއާއި ކުރިއެރުން ގުޅެނީ ރައްޔިތުންގެ ވިސްނުމަށް. އެވިސްނުން ފުރިހަމަ ގޮތުގައި ބައްޓަންކުރަނީ ސްކޫލު ދައުރުގައި ލިބޭ ތައުލީމެއްގެ މައްޗަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތު ބައްޓަންކުރުމުގައި އެންމެބޮޑު އިސްކަމެއްދެއްވާ އެއްދާއިރާއަކީ ތަޢުލީމީ ދާއިރާކަމުގައި ރައީސް ވިދާޅުވިއެވެ. ނިމިދިޔަ އަހަރަކީވެސް ތަޢުލީމީ ދާއިރާއަށް ހެޔޮބަދަލުތަކެއް ގެނެސް ތަޢުލީމާއި ތަމްރީނުގެ ގިނަ ދުރުސަތުތަކެއް ތަނަސްކޮށްދެވުނު އަހަރެއްކަމަށް ރައީސް ވިދާޅުވިއެވެ.
"ނިމިދިޔަ އަހަރުގައި ރާއްޖޭގައި ތިބެގެން ހިލޭ ޑިގްރީއަށް ކިޔެވޭނެ ފުރުސަތުވަނީ ފަހިކޮށްދެވިފަ. މަތީ ތައުލީމް ޚާސިލްކުރުމަށް ނިމިދިޔަ އަހަރުގައި 5،590 ދަރިވަރަކަށް ފައިސާވަނީ ދޫކުރެވިފަ. މަތީތައުލީމް ހާސިލްކުރުމަށް ނަގާ ލޯނުގެ އިންޓަރެސްޓް %3އަށް ކުޑަކޮށް، އަބުރާ ދައްކަންޖެހޭ މިންވަރުވަނީ %25އަށް ދަށްކުރެވިފަ. މިއަހަރަކީވެސް އިލްމީ ޤާބިލް ޒުވާނުން އުފެއްދުމަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތްކުރާ އަހަރެއް. ދައުލަތުގެ ބަޖެޓުން އެއްދާއިރާއަކަށް އެންމެބޮޑު ބަޖެޓެއް ކަޑައެޅިފައިވަނީ ތައުލީމީދާއިރާއަށް. ދައުލަރތުގެ ބަޖެޓުގެ 4.4 ބިލިޔަންރުފިޔާވަނީ ތައުލީމީ ދާއިރާއަށް ޚާއްސަ ކުރެވިފަ. މިއީ ފާއިތުވެދިޔަ އަހަރާ އަޅާބަލާއިރު 1 ބިލިޔަން ރުފިޔާގެ އިތުރު ޢަދަދެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ބަޖެޓުގައި ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރެއިން އަތޮޅުތަކުގެ ތަޢުލީމީ އިންފްރާސްޓްރަކްޗާ ރަނގަޅުކުރުމަށްވެސް ޚާއްސަ އިސްކަމެއްވަނީ ދެއްވާފައެވެ. އެގޮތުން ދައުލަތުގެ ބަޖެޓްގެ 330 މިލިޔަން ރުފިޔާ، އަތޮޅުތަކުގެ ތައުލީމީ އިންފްރާސްޓްރަކްޗާ ރަނގަޅުކުރުމަށް ވަނީ ކަނޑައަޅާފައެވެ. މާލޭގެ ދަރުމަވަންތަ ސްކޫލުގެ އާޢިމާރާތަށް 65 މިލިޔަން ރުފިޔާ އަދި ހުޅުމާލޭގައި ސްކޫލެއް ޢިމާރާތްކުރުމަށް 54 މިލިޔަން ރުފިޔާ ޚާއްސަ ކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖޭގެ ތަޢުލީމީ ދާއިރާ ހަރުދަނާ ގޮތެއްގައި ގެންދިއުމަށް ސަރުކާރުން ކުރާ މަސައްކަތުގެ އިތުރުން އަމިއްލަ ފަރާތްތަކުން ހިންގާ ސްކޫލުތަކާއި، ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކީ ރާއްޖޭގެ މުސްތަޤުބަލަށްޓަކައި އެފަރާތްތަކުން ކުރައްވާ ވަރަށް މުހިންމު މަސައްކަތެއް ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ވަނީ ދިރާސީ އާއަހަރުގެ ތަހުނިޔާ އެ އެންމެހާ ފަރާތްތަކަށްވެސް އަރިސް ކުރައްވާފައެވެ.