ވިޔަފާރި

މިއަހަރުގެ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސްއަށް ކުރިމަތިލުމަށް ހުޅުވާލައިފި


ދެކުނު އޭޝިއާ ސަރަޙައްދުގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑް، ސައުތް އޭޝިއަން ޓްރެވެލް އެވޯޑްސް، ސަޓާ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހައިރައިޒްއިން އިންތިޒާމުކޮށްގެން ބާއްވާ ސަޓާ އެވޯޑްސްއަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އަންނަ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއަހަރުގެ ސަޓާ އެވޯޑްސްއަށް ހައިރައިޒްއިން ވަނީ އިތުރު 9 ކެޓަގަރީއެއް އިތުރުކޮށްފައެވެ. މިއާއެކު ސަޓާ އެވޯޑްސް މުޅިއަކު 52 ކެޓަގަރީއަކަށް ބަހާލައިގެން މިއަހަރު ދޭނެއެވެ.

ހައިރައިޒުން ބުނީ މި އެވޯޑްގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާތަކާއި ސިޓީ ހޮޓާ، ރިސޯޓް އަދި ސަފާރި އުޅަނދުތަކަށް ބައިވެރިވެވޭނެކަމަށެވެ. މިދިޔަ އަހަރުގެ ސަޓާ އެވޯޑްސް ބާއްވާފައި ވަނީ ސްރީލަންކާގައެވެ. ހައިރައިޒްއިން ބުނީ މިއަހަރުގެ އެވޯޑު ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައިކަމަށެވެ.

މިދިޔަ އަހަރުގެ ސަޓާ އެވޯޑްސްގައި ރާއްޖެއަށް ވަނީ ފަޚުރުވެރި އެވޯޑްތަކެއް ލިބިފައެވެ. އެގޮތުން ދެކުނު އޭޝިއާގެ ލީޑީންގ ސާފް ޑެސްޓިނޭޝަން، ލިޑީންގ ހަނީމޫން ޑެސްޓިނޭޝަން އަދި ލީޑީންގ ބީޗް ޑެސްޓިނޭޝަންގެ އެވޯޑު ރާއްޖެއަށް ވަނީ ލިބިފައެވެ.

ސަރަޙައްދީ ފެންވަރުގައި ރާއްޖެއަށް ލިބުނު އެވޯޑުތަކުގެ އިތުރުން، ރާއްޖެއަށް އިތުރު ވަނަތަކެއްވެސް ލިބިފައިވެއެވެ. އެގޮތުން ސަޓާ އެވޯޑުގެ 37 ކެޓަގަރީން ވާދަކޮށް ރާއްޖެއިން ވަނީ ފަޚުރުވެރި 20 އެވޯޑެއް ހާސިލްކޮށްފައެވެ.

ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް، ސަޓާ އެވޯޑްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު ސްރީލަންކާގެ ކޮލަމްބޯގައެވެ.

2017 ވަނަ އަހަރު އެވޯޑް ހަފްލާ އައްޑޫ ސިޓީގެ އިކުއޭޓަރ ވިލެޖްގައި ބާއްވާފައިވާއިރު މިދިޔަ އަހަރު މި ހަފްލާ ބާއްވާފައިވަނީ އިންޑިއާގެ މުމްބާއީގައެވެ. މިއީ ސަޓާ އެވޯޑް ބާއްވާ 4 ވަނަ އަހަރެވެ.