ކުޅިވަރު

އޭދަފުށި ފުޓްބޯޅަ ޓީމްގެ ކޯޗަކަށް ސާންތީ ހަމަޖައްސައިފި


ބ.އޭދަފުށީ ފުޓްބޯޅަ ޓީމްގެ ކޯޗަކަށް އީގަލްސްގެ ކުރީގެ ކޯޗު އަދި އެފްއޭއެމްގެ ކުރީގެ ޓެކްނިކަލް ޑިރެކްޓަރ އިހުސާން އަބްދުލްޣަނީ (ސާންތި) ހަމަޖައްސައިފިއެވެ. ސާންތީ އޭދަފުށީ ފުޓްބޯޅަޓީމާ ހަވާލުވީ އޭދަފުއްޓަށް ކުޅިވަރުގެ ދާއިރާއިންމިދިޔަ ދެ އަހަރު ރީތި ނަން ހޯދަދިން ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައެވެ.

ކޯޗުކަމާއި ހަވާލުވުމަށްފަހު ބުނީ މިއީ އޭނާ ވަރަށް ބޭނުންވިކަމެއްކަމަށާއި، ފުޓްބޯޅައިގެ ރަނގަޅު މާޒީއެއް އޮތް، ޒުވާން މޮޅެތި ކުޅުންތެރިންތިބި ޓީމަކާއި ހަވާލުވުން އެއީ ކޯޗިން ކެރިއަރގައި ނިންމުނު ވަރަށް ރަނގަޅު ނިންމުމެއްކަމަށެވެ. އަދި އަމާޒަކީ އޭދަފުށީ ފުޓްބޯޅަ މިހާރަށްވުރެ ރަނގަޅު ކުރިއެރުމެއް ހޯދައިދިނުންކަމަށް ސާންތި ބުންޏެވެ.

އޭދަފުއްޓަކީ ފުޓްބޯޅައިގެ ކުޅުންތެރިން އުފައްދާ ރަށެއްގޮތުގައި ސިފަކުރަމުން ސާންތީ ބުނީ ހުނަރާ ފެންވަރު އަދި ރަނގަޅު ވަސީލަތް ހުރި ޓީމަކާއި ހަވާލުވުމަކީ ހިތްހަމަޖެހުމެއްކަމަށެވެ.

ސާންތީ ވަނީ މީގެ ކުރިން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމްގެ އެސިސްޓެންޓް ކޯޗްކަމުގެ މަގާމާ، 16 އަހަރުން ދަށާ 19 އަހަރުން ދަށުގެ ފުޓްބޯޅަޓީމްގެ ކޯޗުގެ މަގާމްގެ އިތުރުން، ކްލަބް އީގަލްސްއަށް ކޯޗުކަންކޮށްދީފައެވެ. އެންމެ ފަހުން އޭނާހުރީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައެވެ.