ވިޔަފާރި

ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ޓީޓީއެމް ޗެނަލް ލޯންޗުކޮށްފި


ޓީޓީއެމް ޕްލަސްގެ ނަމުގައި ފަތުރުވެރިކަމަށް ހާއްސަ ޗެނަލަކާއެކު ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ އައު ވެބްސައިޓް އިފްތިތާޙުކޮށްފިއެވެ.

ޓީޓީއެމްގެ ވެބްސައިޓް އަދި ޓްރެވަލް ޗެނަލް އިފްތިތާޙުކޮށްދެެއްވީ އެމްއެމްޕީއާރުސީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ، ތޮއްޔިބް މުހައްމަދާއި ޓީޓީއެމް ހިންގާ ކުންފުނި، އޯކާ މީޑިއާ ގްރޫޕުގެ ޗީފް އޮޕަރޭޓިން އޮފިސަރ ޑރ ސަނީ އުމަރެވެ.

ޑރ ސަނީ ވިދާޅުވީ އައު ވެބްސައިޓާއި ޓީޓީއެމް ޕްލަސް ޗެނަލް ލޯންޗްކުރީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރުކުރުމުގެ މަޤްސަދުގައިކަމަށެވެ. އަދި ޓީޓީއެމް ޕްލަސް ޗެނަލް ހާއްސަ ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ރިޒޯޓު ހޮޓާފަދަ ތަންތަނުގެ ވީޑިއޯތައް ފަތުރުވެރިންނަށް ދައްކާލުމަށްކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ ފަތުރުވެރިން ރާއްޖެ އައުމުގެ ކުރިން ރާއްޖޭގައި ލިބެން ހުރި އެކި ހިދުމަތްތައް ދައްކުވައިދޭ ޗެނަލަކަށް އެޗެނަލް ވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޓީޓީއެމް އައު ވެބްސައިޓް އަދި ޓީޓީއެމް ޕްލަސް ޗެނަލްގެ ކޮންޓެންޓް ސޯޝަލް މީޑިއާގައިވެސް ފެންނަން ހުންނާނެއެވެ.

ޓީޓީއެމްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާގެ އިންސާނީ ވަސީލަތް ބިނާކުރުމާއި، ރިޒޯޓު ހޮޓާތަކުގެ މާރކެޓިން ކަންކަމާއި، ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކަށް ހާއްސަ ފެއަރތަކާއި، ޓްރެއިނިންތައް ހިންގުމުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުންޏެކެވެ.