ވިޔަފާރި

ވަޒީފާތަކަށް ދިވެހި ތަމްރީންކުރަން ޕްރޮގްރާމްތަކެއް ފަށަނީ


ވަޒީފާގެ ބާޒާރަށް ދިވެހިން ނެރުމަށް މިއަހަރުގެ ތެރޭ 10 ކޯހެއް ކުރިއަށްގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު މުޖާހިދު ވިދާޅުވީ މޯލްޑިވްސް ޕޮލިޓެކްނިކްއާއި ގުޅިގެން މިއަހަރުގެ ތެރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 10 ކޯހެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށެވެ.

މުޖާހިދު ވިދާޅުވީ ޖެނުއަރީ އަދި ފެބްރުއަރީމަހު ރާއްޖޭގެ ހަތަރު ރަށެއްގައި ސެޓްފިކެޓް ލެވެލް 3 އަދި ސެޓްފިކެޓް ލެވެލް 4ގެ ކޯސްތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.

އެގޮތުން މ. މުލީގައި އިލެކްޓްރީޝަން ކޯހެއް، އއ. އުކުޅަހުގައި ގެސްޓްހައުސް މެނޭޖްމަންޓް ކޯހެއް، ޅ. ހިންނަވަރުގައި ސިވިލް އިންޖީނިއަރިންގ ކޯހެއް އަދި ފުވައްމުލައް ސިޓީގައި ރެފްރިޖިރޭޝަން އެންޑް އެއަރކޮންޑިޝަނިންގ ކޯހެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މުޖާހިދު ވިދާޅުވީ ޒުވާނުން އެކި ދާއިރާއިން ތަމްރީނުކުރުމަށް ކުރިއަށްގެންދާ މި މަސައްކަތުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން ކުޑަކަމަށެވެ. އެހެންނަމަވެސް މިނިސްޓްރީގެ އަމާޒަކީ ރާއްޖޭގައި ވަޒީފާގެ ފުރުސަތު ހުރި ދާއިރާތަކުން މީހުން ތަމްރީނުކުރުންކަމަށް މުޖާހިދު ވިދާޅުވިއެވެ. އެގޮތުން މިއަހަރުގެ މެއި ޖޫންގައި ރ.މީދޫ، ގއ. ދާންދޫ، ސ. ހިތަދޫ އަދި ބ. ދަރަވަންދޫ އަށް އަމާޒުކޮށްގެން 8 ކޯހެއް ކުރިއަށްގެންދާނެކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކޯސްތައް ކަނޑައެޅުމުގައި ބެލީ މިވަގުތު ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާގައި ވިޔަސް އަދި ކޮންސްޓްރަކްޝަން ދާއިރާގައި ވިޔަސް އެންމެ ގިނައިން ބިދޭސީން މަސައްކަތްކުރައްވަނީ ކޮން ދާއިރާއެއްގައިތޯ ނުވަތަ ދިވެހިންނަށް އެންމެ ފަސޭހައިން ފުރުސަތުތައް ދެވޭނީ ކޮން ދާއިރާއެއްތޯ. އެގޮތުން ބެލިގެން 10 ކޯހެއް ކުރިއަށްގެންދިއުމަށް އަޅުގަނޑުމެން މިވަނީ ނިންމާފަ. އަޅުގަނޑުމެން 8 ރަށެއްގައި ހިންގުމަށް މަސައްކަތްކުރިން. އެހެންނަމަވެސް އަޅުގަނޑުމެންނަށް މި ކޯސްތައް މި ފެށެނީ އެންމެ 4 ރަށުގައި." މުޖާހިދު ވިދާޅުވިއެވެ.

ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންގެ ނިސްބަތް އިތުރުކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ. މި އާމާޒާއި އެއްގޮތަށް މިހާރު އިކޮނޮމިކް މިނިސްޓްރީން ވަނީ ވަޒީފާގެ ފުރުސަތު ފަހިކުރުމަށްޓަކައި ޖޮބް ސެންޓަރގެ ނަމުގައި ވެބްސައިޓެއްވެސް ތަޢާރަފްކޮށްފައެވެ.

މިނިސްޓްރީގެ އަމާޒަކީ މިވެބްސައިޓް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ހުރިހާ ވަޒީފާގެ ފުރުސަތުތައް އާންމުންނަށް ފަސޭހައިން އެނގިގެންދިއުންކަމަށެވެ.