ޚަބަރު

މަރުކޮމިޝަނުން ބަަލަމުންދާ މައްސަލަތަކުގެ ތަޙްޤީޤުގެ ބޮޑުބައިނިމި ރިޕޯޓް އެކުލަވާލަނީ!


ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާކޮމިޝަނުން ބަލަމުންދާ ގިނަ މައްސަލަތަކެއްގެ ތަޙްޤީގު ނިމި ރިޕޯޓް އެކުލަވާލުމާއި ހަމަޔަށް ދެވިފައިވާކަމުގައި މަރުކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މަރުގެ މައްސަލަތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފެއްދި ކޮމިޝަންގެ މެމްބަރު ފަރީޝާ އަބްދުﷲ ވިދާޅުވީ ކޮމިޝަނުން ބަލަމުންދަނީ 27 މައްސަލައެއްކަމަށެވެ. މިމައްސަލަތަކުގެ ތެރެއިން މިހާތަނަށް 3 މައްސަލައެއް ނިންމައި ދައުވާކުރުމުގެ މަރުހަލާގައި މިހާރުވާކަމަށް އޭނާ ވިދާޅުވިއެވެ.

މައްސަލަތައް ތަޙްޤީޤުކުރުމުގައި އެމައްސަލައެއްގެ އެންމެ ފުނަށް ގޮސް ދައުވާކުރެވޭ މިންވަރަށް ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަކީ ކޮމިޝަނުން ވަރަށްބޮޑު އިސްކަމެއްދޭކަމެއްކަމަށް ފަރީޝާ ވިދާޅުވި. މިހާރު ކޮމިޝަނުން ނިންމުމަށް އަމާޒު ހިފާފައިވާ 24 މައްސަލައިގެ ތެރެއިން ގިނަ މައްސަލަތަކެއްގެ ތަޙްޤީޤުނިމި ރިޕޯޓް އެކުލަވާލުމުގެ މަސައްކަތް ކޮމިޝަނުންދަނީ ކުރަމުންނެވެ.

ކޮމިޝަންގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ހުސްނުއްސުއޫދާއި، ކޮމިޝަންގެ މެމްބަރު އަބްދުﷲ މުނާޒް އިސްތިއުފާ ދެއްވުމުން ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކަށް އެއްވެސް ހުއްޓުމެއް ނާންނަކަަމަށްވެސް ފަރީޝާ ވިދާޅުވިއެވެ. އަދި މެމްބަރުންގެ އަދަދު މަދުވުމަކުންވެސް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކަށް މާބޮޑު ހުރަސްތަކެއް ކުރިމަތިނުވާކަމަށާއި ކޮމިޝަންގައި މިހާރުތިއްބެވި މެމްބަރުންގެ އަމާޒަކީ މަދު ދުވަސްތަކެއްގެ ތެރޭގައި ނުނިމިހުރި ހުރިހާ މައްސަލަތަކެއް ނިންމައި ރިޕޯޓްތައް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުންކަމަށް ފަރީޝާ ވިދާޅުވި.

މަރުގެ މައްސަލަތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފެއްދި ކޮމިޝަންގެ ރައީސްގެ މަޤާމު ފުރުއްވި ސުއޫދު އިސްތިއުފާ ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް އޭނާގެ ނަން ހުށަހެޅުމުންނެވެ. މުނާޒް މެމްބަރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަޤާމަށް އޭނާ ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމުންނެވެ. މަރުކޮމިޝަނުން 2 މެމްބަރަކު މަދުވި ނަމަވެސް އެ ކޮމިޝަނާ މަތިކޮށްފައިވާ މަސައްކަތްތައް ކުރިއަށްދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާން އިބްރާހިމް ހޫދުވެސްވަނީ ވިދާޅުވެފަައެވެ.

ގެއްލިފައިވާ މީހުންނާއި މަރާލެވިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔައަހަރުގެ ނޮވެމްބަރު މަހުގެ 22ވަނަ ދުވަހުއެވެ.