ޚަބަރު

ލީގްގެ 3ވަނަ ބުރުގައި 6 ޓީމް ކުޅޭގޮތަށް ނިންމައިފި


ދިރާގު ދިވެހި ޕްރިމިއަރ ލީގްގެ 3ވަނަ ބުރުގައި 6 ޓީމް ވާދަކުރާ ގޮތަށް އެފްއޭއެމުން ނިންމައިފިއެވެ.
ލީގްގެ ގަވާއިދު ބުނާ ގޮތުން 3ވަނަ ބުރުގައި ކުޅޭނީ ލީގްގެ 2ވަނަ ބުރު ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ލިބޭ 8 ޓީމަށެވެ. ލީގްގެ 3ވަނަ ބުރުގައި 6 ޓީމް ކުޅޭގޮތަށް އެފްއޭއެމްއިން ނިންމާފައިވަނީ ކުލަބްތަކާއި އެކު ބޭއްވި ބައްދަލުވުމަށް ފަހުއެވެ. މިއަންނަ އަންގާރަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ދިރާގު ދިވެހި ޕްރިމިއަރ ލީގްގެ 3ވަނަ ބުރުގައި ވާދަކުރާނީ، މާޒިޔާ، ޓީސީ ސްޕޯޓްސް ކުލަބް، ކުލަބް އީގަލްސް، ކުލަބް ގްރީން ސްޓްރީޓްސް، ދަ ގްރާންޑޭ ސްޕޯޓްސް ކުލަބް، ފޯކައިދޫ ފުޓްބޯޅަ ކުލަބެވެ. 2ވަނަ ބުރުގެ ފުރުސަތު ގެއްލިފައިވަނީ ނިލަންދޫ ސްޕޯޓްސް ކުލަބާއި ޔުނައިޓަޑް ވިކްޓްރީ ސްޕޯޓްސް ކުލަބަށެވެ. ފުޓްބޯޅަ ސީޒަން މިހާ ހިސާބަށް އައިސްފައިވާއިރު، ގިނަ ކުލަބްތަކުން މިހާރު ލީގްގެ ތިންވަނަ ބުރުން ކުޅޭކަށް ބޭނުމެއް ނުވެއެވެ. އެއީ ކުލަބްތަކުގެ މާލީ ހާލަތު ދަށްވުމުންނެވެ. ލީގްގެ ތިންވަނަ ބުރު މިއަންނަ އަންގާރަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، ލީގްގެ ފުރަތަމަ މެޗްގައި ވާދަކުރާނީ ފޯކައިދޫ އާއި މާޒިޔާއެވެ. އަދި އެރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ވާދަކުރާނީ ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭއެވެ.
ލީގްގެ އެއްވަނާގައި މިވަގުތު 11 ޕޮއިންޓްގެ ލީޑްއާއެކު އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއެވެ. ދެވަނާގައި 30 ޕޮއިންޓްއާއެކު އީގަލްސް އޮތް އިރު، ތާވަލްގެ ތިންވަނާގައި 28 ޕޮއިންޓްއާއެކު އޮތީ އެންމެ ފަހުގެ ޗެންޕިއަން ޓީސީ ސްޕޯޓްސް ކުލަބްއެވެ.