ތަޢުލީމު

މެލޭޝިޔާގެ 3 ޔުނިވަރސިޓީއަކާއެކު މަންދުކޮލެޖުން ސޮއިކޮށްފި


މަންދުކޮލެޖުން ތައުލީމު ޙާސިލުކުރަމުންދާ ފަރާތްތަކަށް މަތީ ތަޢުލީމުގެ އިތުރު ފުރުސަތުތަކެއް ހޯދައިދިނުމުގެ ގޮތުން މެލޭޝިޔާގެ ތިން ޔުނިވަރސިޓީއަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ އެކަމަށްޓަކައި ހޮނިހިރު ދުވަހުގެ ރޭ މޫކައި ސުއިޓްސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މެލޭޝިޔާގެ ޔުނިވަރސިޓީތަކާއެކު މިވެވުނު އެއްބަސްވުމުގެ ސަބަބުން، މަންދު ކޮލެޖްގެ ފައުންޑޭޝަން ފޮރ ޑިގްރީ ސްޓަޑީޒް ނިންމާ ދަރިވަރުންނަށް މެލޭޝިޔާގެ ޔުނިވަރސިޓީތަކާއި އަދި އެ ޔުނިވަރސިޓީތަކާއި ގުޅިފައިވާ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީތަކުން އެ ދަރިވަރަކުން ބޭނުންވާ ދާއިރާއަކުން މަތީ ތަޢުލީމު ޙާސިލުކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް މަންދު ކޮލެޖުން މައުލޫމާތުދެއެވެ. މަންދު ކޮލެޖާއެކު ސޮއިކޮށްފައިވާ ޔުނިވަރސިޓީތަކުގެ ތެރޭގައި، މެލޭޝިޔާގެ ވެސްޓްމިންސްޓަރ ކޮލެޖާއި، ބްރިކްފީލްޑްސް އޭޝިޔާ ކޮލެޖްގެ އިތުރުން މެލޭޝިޔާގެ އެސް.ޖީ އެކަޑަމީ ހިމެނެއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން މަންދު ކޮލެޖްގެ ޗެއަރމަން އިބްރާހިމް އިސްމާއިލް ވިދާޅުވީ، މި އެއްބަސްވުންތަކުގެ ސަބަބުން، އެއް ޔުނިވަރސިޓީއިން އަނެއް ޔުނިވަރސިޓީއަށް އިތުބާރު ހުރިގޮތެއްގައި ދަރިވަރުންނަށް ބަދަލުވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ އިތުރުން، އެއް ޔުނިވަރސިޓީއިން ނިންމާ ކޯސްތަކުގެ ކްރެޑިޓް އަނެއް ޔުނިވަރސިޓީއަކަށް ބަދަލުކުރުމުގެ ފުރުސަތު ހޯދައިދެވިގެންދާނެކަމަށެވެ. އަދި އެ ކޮލެޖްގެ އަމާޒަކީ ފަސޭހަކަމާއެކު ޢިލްމާއި، ހުނަރާއި، ތަޖުރިބާ ހޯދުމުގެ ފުރުސަތު ރާއްޖެއާއި ރާއްޖޭން ބޭރުން ދަރިވަރުންނަށް ހޯދައިދިނުންކަމަށް އިބްރާހިމް އިސްމާއިލް ވިދާޅުވިއެވެ."މި ކޮލެޖް ފުރަތަމަ ފެށުނިންސުރެއްވެސް އަޅުގަނޑުމެންގެ އަމާޒަކަށްވެފައި އޮތީ، މަންދު ކޮލެޖްގެ ޕްރޮގްރާމްތަކަކީ ބައިނަލްއަޤުވާމީ ދާއިރާގައި ދުނިޔޭގެ އެހެންވެސް ޔުނިވަރސިޓީތަކާއި އެއްހަމައެއްގައި ހިންގޭ ޕްރަޮގްރާމްތަކެއްގެ ގޮތުގައި ހެދުން. މި އަމާޒަށް ދަތުރުކުރުމަށް އަޅުގަނޑުމެން ވަރަށް ގިނަ ގޮންޖެހުންތަކަކާއި، ވަރަށް ބުރަ މަސައްކަތްތަކަަކާއި ކުރިމަތިލާންޖެހުނު" މަންދު ކޮލެޖްގެ ޗެއަރމަން ވިދާޅުވިއެވެ.މި ރަސްމިއްޔާތުގައި މެލޭޝިޔާގެ ޔުނިވަރސިޓީތަކުގެ ފަރާތުން ވާހަކަދެއްކެވި ބޭފުޅުންވެސް ވަނީ ރާއްޖޭގެ ކޮލެޖަކާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނީތީ އެކަމާ އުފާކުރައްވާ ކަމަށާއި، ރާއްޖޭގެ ތަޢުލީމީ ދާއިރާ ހަރުދަނާކޮށް، ކުރިއެރުވުމަށް އެބޭފުޅުންނަށް ވެދެއްވެން އޮތް އެހީތެރިކަމެއް ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ. މި އެއްބަސްވުންތަކުގެ ސަބަބުން މަންދު ކޮލެޖްގެ މާލޭގެ ކެމްޕަހުގެ އިތުރުން ރާއްޖޭގެ ކޮންމެ ރަށެއްގައިހުރި އެ ކޮލެޖުގެ ކޮންމެ ދަރިވަރަކަށްވެސް ރާއްޖޭން ބޭރުގެ ޔުނިވަރސިޓީތަކުން މަތީ ސަނަދު ޙާސިލުކުރުމުގެ ފުރުސަތު ރާއްޖެއިންނާއި ރާއްޖޭން ބޭރުން ލިބިގެންދާނެކަމަށް މަންދު ކޮލެޖުން މައުލޫމާތުދެއްވައެވެ.