ޚަބަރު

ކްރިމިނަލް ކޯޓުގެ އަމާޒު - ގިނަ ދުވަސްވީ މައްސަލަތައް ނިންމުން


ކްރިމިނަލް ކޯޓުގައި ނުނިމި ގިނަ ދުވަސްވެފައިހުރި މައްސަލަތައް މިއަހަރުގެ ތެރޭގައި މުޅިން ނިންމުމަށް މިހާރު މަސައްކަތް ފަށާފައިވާކަަމަށް އެކޯޓުން ވިދަޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓުގެ މިދިޔައަހަރުގެ މަސައްކަތްތަކާ ގުޅޭ ތަފާސްހިސާބުގެ ރިޕޯޓްގައި ވަނީ އެކޯޓަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ނުނިމި ގިނަދުވަސްވެފައިވާ މައްސަލަތައް ނިންމުން ކަމަށެވެ. ނަމަވެސް ގިނަ ދުވަސްވެފައިވާ މައްސަަލަ މިއަހަރުގެ ވަކި މުއްދަތެއްގެ ތެރޭގައި ބަލައި ނިންމުމަށް މިހާރު ކަނޑައަޅާފައިިވާކަމަށް އެކޯޓުން ވިދާޅުވެއެވެ.

މިހާރު އެ ކޯޓުގައި ތިން އަހަރު ވެފައިވާ މައްސަލަތައް މިއަހަރުގެ މާރޗު މަސް ނިމުމުގެ ކުރިން ނިންމުމަށް ވަނީ ކަނޑައަޅާފައެވެ. އަދި ޖޫން މަހުގެ ނިޔަލަށް ނުނިމި 2 އަހަރުވެފައިވާ މައްސަލަތައް ނިންމުމަށާއި، ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކޯޓުގައި އެއްއަހަރުވީ މައްސަލައެއް ނުބޭވުމަށް މަސައްކަތް ކުރުމަށް ޤާޟީންގެ ޢާންމު މަޖިލީހުން ނިންމައި، އެމަސައްކަތް ކުރިއަށް ގެންދާނެގޮތް ރާވަފައިވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ވިދާޅުވެފައެވެ.

ގިނަ ދުވަސްވެފައިހުރި މައްސަލަތައް ނިންމުމަށްޓަކައި މިއަހަރުގެ މާރޗު 31ވަނަ ދުވަހަށް 3 އަހަރު ހަމަވާ، 352 މައްސަލަ އެކޯޓުގެ ޝަރީޢަތް ކުރާ 10 ސެކްޝަނަށް ހަމަހަމަ ވާގޮތަށް ބަހާލުމުގެ މަސައްކަތް މިހާރުވަނީ ނިމިފައި ކަމަށްވެސް ކްރިމިނަލް ކޯޓުން ހާމަކުރައްވައެވެ.

މިދިޔަ އަހަރު ނިމުނުއިރު ކްރިމިނަލް ކޯޓުގައި ފަސް އަހަރުވެފައިވާ 27 މައްސަލައެއް އެބައޮތެވެ. އަދި ތިން އަހަރަށް ވުރެ ގިނަ ދުވަސްވެފައި އޮތް 228 މައްސަލައެއްގެ އިތުރުން އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ 744 މައްސަލަ އެ ކޯޓްގައި މިއަހަރު ފެށުނުއިރު އޮތެވެ. އެ ކޯޓުގައި މިދިޔަ އަހަރު ނިމުނުއިރު އަހަރެއް ނުވާ އޮތީ 662 މައްސަލައެވެ.

ކްރިމިނަލް ކޯޓުގެ ތަފާސްހިސާބުތައް ދައްކާގޮތުން 2018ވަނަ އަހަރު ނިމުނުއިރު އެކޯޓުގައި ނުނިމި 2022 މައްސަލައެއް އޮތެވެ. އަދި މިދިޔަ އަހަރު އެ ކޯޓުން ނިންމާފައިވަނީ 1339 މައްސަލަ އެކެވެ. ކްރިމިނަލް ކޯޓަށް އަލަށް 978 މައްސަލަ ހުށައަޅާފައިވެއެވެ. ކްރިމިނަލް ކޯޓުގައި މި ވަގުތު 9 ޤާޟީން އެބަތިއްބެވިއެވެ.