ޚަބަރު

އެޗްއާރުސީއެމްގެ ތަޙްޤީޤަށް ކަރެކްޝަނަލް ސަރވިސްއިން ސައްޙަނޫން މަޢުލޫމާތު ދީފައިވޭ - އެޗްއާރުސީއެމް


ޖަލުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެޗްއާރުސީއެމްއިން ކުރަމުންދާ ތަޤުޤީޤަށް ކަރެކްޝަނަލްސަރވިސްއިން ސައްޙަނޫން މަޢުލޫމާތުތަކެއް ދީފައިވާކަމަށް އެޗްއާރުސީއެމްއިން ވިދާޅުވެއްޖެއެވެ.

އެޗްއާރުސީއެމްއިން ވިދާޅުވެފައިވަނީ މިމައްސަލަތައް ތަޙްޤީޤުކުރަމުންދާއިރު، ކޮމިޝަނުގެ ތަޙްޤީޤަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އެންމެ އެދެވޭ މިންވަރަށް އެއްބާރުލުން ލިބެމުން ނުދާކަމަށެވެ. އަދި އެކޮމިޝަނަށް ސައްޙަނޫން މަޢުލޫމާތު ދީފައިވާކަމަކީ ހިތާމަކުރާ ކަމެއްކަމަށް އެބަޔާނުގައި ވެއެވެ.

ޖަލުތަކުގެ ޙާލަތަކާ ގުޅޭގޮތުން އެޗްއާރުސީއެމްއިން ދަނީ ޚާއްސަ ތަޙްޤީޤެއް ފަށްޓަވާފައެވެ. މިތަހުޤީޤުގައި މިހަފްތާގެ ހޯމަދުވަހު އެކޮމިޝަނުންވަނީ ޖަލުތަކަށް ޒިޔާރަތްކޮށް ތަނުގެ ޢާންމު ޙާލަތު ބަލައި، ޤައިދީންނާ ބަންދުކޮށްފައިވާ ފަރާތްތަކާއި، ޖަލުގެ އިސްވެރިންނާއި، މުވައްޒަފުންގެ ފަރާތުން މަޢުލޫމާތު ވަނީ ސާފުކޮށްފައެވެ.

އެގޮތުން މާލެ ޖަލަށާއި މާފުށީ ޖަލަށް ޒިޔާރަތްކޮށް، ކުރި ތަހުގީގުތަކުން ޖަލުގައި ހަމަނުޖެހުން ހިނގަން މެދުވެރިވެފައިވާ ސަބަބަކީ، ޤައިދީންނާއި ބަންދުކޮށްފައިވާ ފަރާތްތަކުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި ތަކުރާރުކޮށް އެދެމުންގެންދާ ޒަރޫރީ ބައެއް ކަންކަން ފުއްދައި ނުދެވޭތީކަން މިހާތަނަށް ލިބިފައިވާ މަޢުލޫމާތުން އެނގިފައިވާކަމަށް އެޗްއަރުސީއެމްއިން ވިދާޅުވެއެވެ.

ޝަރީޢަތުގެ މަރުޙަލާ ދިގުލައިގެން ދިއުމާއި، އެކަށީގެންވާ އަވަސް މިނެއްގައި ޞިއްޙީ ފަރުވާ ފޯރުކޮށްނުދެވޭކަން ގައިދީން ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން މާލޭ ޖަލުގައި މިވަގުތު ތިބި ގިނަ ޤައިދީން ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުންދާކަމަށްވެސް އެޗްރުސީއެމް އިން ވިދާޅުވެއެވެ. ޖަލުގައި ހިގައިދިޔަ ހަމަނުޖެހުންތަކުގައި މާލެ ޖަލުގެ ތިން ތަނެއްގައި އަލިފާން ރޯކުރިކަން ފާހަގަކުރެވިފައިވާކަމަށްވެސް އެޗްްއާރުސީއެމްއިން ވިދާޅުވެއެވެ.