ޚަބަރު

ޕްރައިމަރީގައި ވާދަކުރުމަށް މިހާތަނަށް 600އަށްވުރެ ގިނަ ފޯމު ހުށަހަޅައިފި - އެމްޑީޕީ


ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަތީގައި ވާދަކުރުމަށް 600 ވުރެ ގިނަ ފަރާތަކުން ފޯމް ހުށަހަޅާފައިވާކަމަށް އެޕާޓީން ބުނެފިއެވެ.

ކައުންސިލް އިންތިޚާބުގައި ރާއްޖޭގެ އެންމެ މެމްބަރުންގިނަ ޕާޓީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ އެޕާޓީގެ މެމެމްބަރުންނަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 10ވަނަ ދުވަހާއި ހަމައަށެވެ. ކައުންސިލް އިންތިޚާބްގެ ޕްރައިމަރީގެ ކަންކަން ބަލަހައްޓަވާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުޢިއްޒު ވިދާޅުވީ ޕްރައިމަރީއަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށެވެ.

މިހާތަނަށް 606 ފަރާތަކުން އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ފޯމް ހުށަހަޅާފައިވާކަމަށް މުޢިއްޒު ވިދާޅުވިއެވެ. ސިޓީ ކައުންސިލްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ފޯމް ހުށަހަޅާފައިވަނީ އައްޑޫ ސިޓީކައުންސިލަށެވެ. އައްޑޫ މޭޔަރުގެ މަޤާމަށް 2 ބޭފުޅަކު ފޯމް ހުށަހަޅުއްވާފައިވާއިރު، ސިޓީ ކައުންސިލަށް 28 ބޭފުޅަކު ވަނީ ފޯމް ހުށަހަޅުއްވާފައެވެ. މާލެ ސިޓީގެ މޭޔަރުކަމަށް 2 ބޭފުޅަކު ފޯމް ހުށަހަޅުއްވާފައިވާއިރު ސިޓީކައުންސިލްގެ މެމްބަރުކަމަށް 17 ބޭފުޅަކުވަނީ ފޯމް ހުށަހަޅާފައެވެ. ފޯއްމުލަކު ސިޓީކައުންސިލަށް 4 ބޭފުޅަކު ފޯމް ހުށަހަޅާފައިވާއިރު، މޭޔަރުގެ މަޤާމަށް 2 ބޭފުޅަކު ފޯމްހުށަހަޅުއްވާފައިވާކަމަށެވެ. މިހާތަނަށް ސިޓީ ކައުންސިލްތަކުގެ ތެރެއިން ފޯމް ހުށަނާޅާ ހަމައެކަނި ސިޓީއަކީ ކުޅުދުއްފުށި ސިޓީއެވެ.

ސިޓީ ކައުންސިލްތަކުގެ އިތުރުން އަތޮޅު ކައުންސިލަށް 16 ބޭފުޅަކު ފޯމް ހުށަހަޅުއްވާފައިވާކަމަށް މުއިއްޒުވިދާޅުވިއެވެ. މިބޭފުޅުންގެ އިތުރުން ރަށު ކައުންސިލްތަކުގެ މެމްބަރުކަމަށާއި، އަންހެނުންނަށް ޚާއްސަކުރާ ކައުންސިލްޝީޓުތަކަށް 535 ބޭފުޅަކު ފޯމް ހުށަހަޅުއްވާފައިވާކަމަށެވެ. އޭނާ ވިދާޅުވީ މިއަދަދު ކުރިއަށް އޮތް 2 ދުވަސް ތެރޭގައި އިތުރުވެގެންދާނެކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީއަކީ މިފަހަރުގެ ކައުންސިލް އިންތިޚާބްގައި އެންމެ ގިނަ މެމްބަރުން ކުރިމަތިލައްވާނެ އިންތިޚާބްކަމަށް ބެލެވެއެވެ. ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31ވަނަ ދުވަހުއެވެ.

ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅުއްވާފައިވާ ތާރީޚަކީ އަންނަ އޭޕްރީލް މަހުގެ 4ވަނަ ދުވަހެވެ. ޤާނޫނަށް ގެނައި ބަދަލާއެކު މިފަހަރުގެ ކައުންސިލް އިންތިޚާބްގައި 980 ކައުންސިލަރުން އިންތިޚާބްކުރާނެއެވެ.