ޚަބަރު

"އައްސޭރި" އޮޕަރޭޝަނުގައި އިތުރު 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް!


ހަރުކަށި ފިކުރާ ދެކޮޅަށް ރ.މަޑުއްވަރީގައި ފުލުހުން ހިންގާ "އައްސޭރި" އޮޕަރޭޝަނުގައި އިއްޔެ 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ހަރުކަށި ފިކުރާދެކޮޅަށް ފުލުހުންނާއި، ކަމާބެހޭ އިދާރާތަކުން ގުޅިގެން ރ.މަޑުއްވަރީގައި ކުރިއަށް ގެންދާ އޮޕަރެޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޢުމުރުން 22 އަހަރުގެ މީހަކާއި 26 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެއްކަމަށް ފުލުހުން ވިދާޅުވިއެވެ. މި ތިންމީހުންނަކީ ދިވެހި ފިރިހެނުންކަމަށް ފުލުހުން ވިދާޅުވެއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18ވަނަ ދުވަހުން ފެށިގެން މަޑުއްވަރީގައި ފުލުހުން ހިންގާ އޮޕަރޭޝަނުގައި މީގެ ކުރިންވެސް ވަނީ 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އޭގެ ތެރެއިން އުމުރުން 13 އަހަރުގައި ކައިވެނި ކުރުމުގެ ނަމުގައި ފިރިހެނަކާއި ދަރިފުޅު ހަވާލުކުރި މަންމައާއި ބައްޕަގެ މައްޗަށްދައުވާ ކުރުމަށް ޕީޖީއޮފީހުންވަނީ ދައުވާ އުފުލާފައެވެ. އުމުރުން 13 އަހަރުގެ ކުއްޖަކު މީހަކާ ކައިވެނިކޮށްދިނުމުގެ ނަމުގައި އެހެން ފިރިހެނަކާ ޙަވާލުކޮށްފައިވަނިކޮށް އެކުއްޖާއަށް ވަނީ ދަރިއަކުވެސް ލިބިފައެވެ. މިމައްސަލާގައި ޢުމުރުން 13 އަހަރުގެ ކުއްޖާގެ މަންމަގެ މައްޗަށް 4 ދައުވާ އެއް އުފުލާފައިވާއިރު އެކުއްޖާގެ ބައްޕަގެ މައްޗަށް ވެސް އެއް ދައުވާވަނީ އުފުލާފައެވެ.

ހަރުކަށި ފިކުރާދެކޮޅަށް ރ.މަޑުއްވަރީގައި ފުލުހުން ހިންގަމުންދާ އޮޕަރޭޝަންގެ ބޮޑުބައި މިހާރު ނިމިފައިވާކަމަށް ހޯމް މިިނިސްޓްރީން ވަނީ ވިދާޅުވެއެވެ. ހަރުކަށި ފިކުރުގެ ސަބަބުން އަނިޔާ ލިބެމުންދިޔަ ކުޑަކުދިންނަށް ހައްގުތައް ހޯދައިދެވި، ބައެއް ކުދިން ޖެންޑާ މިނިސްޓްރީގެ ދަށަށް ގެންދެވިފައިވާކަމަށް ހޯމް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އަދި ހަރުކަށި ވިސްނުން ފެތުރުމަކީ މުޅި މަޑުއްވަރީގައި އޮތްކަމެއް ނޫންކަމަށާއި މިއީ އެރަށުގެ ވަރަށް މަދު ބަޔަކު ހިންގާ ކަމެއްކަމަށްވެސް ހޯމް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. ހަރުކަށި ފިކުރަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި އޮތް ފިކުރެއްކަމަށްވުމުން ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެހެން ރަށްތަކުގައިވެސް މިފަދަ އޮޕަރޭޝަންތައް ހިންގަން ޖެހިއްޖެނަމަ އެކަން ކުރާނެކަމަށްވެސް ހޯމް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.