ޚަބަރު

ރަށު ކައުންސިލްތަކަކީ ފްރަންޓް އޮފީހެއްގެ ގޮތުގައި ވެގެންދާނެ - އެލްޖީއޭ


ރަށްރަށުގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ސަރުކާރުގެ އެކްޝަން ޕްލޭނުގައިވާ ގޮތުގެމަތީން ރަށު ކައުންސިލްތަކަކީ ފްރަންޓް އޮފީހެއްގެ ގޮތުގައި މަސައްކަތްކުރާ ތަނަކަށް ވެގެންދާނޭކަމުގައި އެލްޖީއޭއިން ވިދާޅުވެއްޖެއެވެ.

އެލްޖީއޭއިން ގާނޫނު ތަންފީޒުކުރުމަށް ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެނީ ރަށްރަށުގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރެވޭނެ ގޮތަކަށް ޤާނޫނު ތަންފީޒުކުރުމުގައި އަމަލުކުރެވޭނެ ގޮތްތަކެއް ފަހިކުރުންކަމަށް އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވިއެވެ. ސަރުކާރުގެ އެކްޝަން ޕްލޭންގައިވެސް ކަނޑައަޅާފައި ވާގޮތަށް ރަށްރަށުގެ ކައުންސިލްތަކަކީ ރަށުގެ ފްރަންޓް އޮފީހެއްގެ ގޮތުގައި މަސައްކަތްކުރާ ތަނަކަށްވުމަކީ މުހިންމުކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

މި މަސައްކަތުގެ ތެރެއިން ކޮންމެ ރަށެއްގައިވެސް ކޮމިއުނިޓީބޭސްޑް ޓުއަރިޒަމް ތަޢާރަފްކޮށް އޭގެ މަންފާ ރަށުގައި ދިރިއުޅޭހުރިހާ ރައްޔިތުންނަށް ލިބޭނެ ގޮތަކަށް ފަހިވެގެންދާނެކަމަމުގައި އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު އަމަލުކުރެވެމުންދާގޮތުން ރަށްރަށުގެ ވަށައިގެންވާ ރިސޯޓްތަކުންވެސް އެންމެ އެކަށީގެންވާ މަންފާ ރަށްތަކަށް ލިބެމުންނުދާކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ. ނަމަވެސް ކޮމިއުނިޓީބޭސް ޓުވަރިޒަމް ތަޢާރަފްކުރުމުން، ރިސޯޓްތަކުން ރަށްރަށް ލިބޭ މަންފާތަކާއި ރަށްރަށުގައި ހިންގޭ ލޯކަލް ޓުވަރިޒަމްގެ ވިޔަރާރިތަކުންވެސް ރަށްރަށަށް އިގުތިޞާދީ ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.

މިބަދަލުތައް ގެނެވިގެންދާނީ ކައުންސިލްތަކުންވެސް މިކަންކުރެވޭނެ ވަރުގެ ވަސީލަތްތަކާއި މުވައްޒިފުން ތިބެގެންކަމަށްވާއިރު އެމަސައްކަތް އެލްޖީއޭއިން މިހާރު ކުރަމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޤާނޫނުނަށް ގެނެސްފައިވާ ބަދަލުތަކުން ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެ، ރަށްރަށުގެ ތަރައްޤީއަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށެވެ.

ރާއްޖޭގެ ރަށްރަށުގައި ލޯކަލް ޓުވަރިޒަމް ފުޅާވެ ބޮޑުވެގެންދާއިރު ރައްޔިތުންގެ އެންމެބޮޑު ޝަކުވާއަކަށް ވެފައިވަނީ ޓުވަރިޒަމް ފުޅާވިޔަސް ރަށްރަށަށް އެކަށިގެންވާ ތަރައްޤީ ނާންނަކަމަށެވެ. ލާމަރުކަޒީ އުސޫލުން ޤާނޫނަށް ގެނެސްފައިވާ ބަދަލުތަކާއިއެކު ރަށްރަށުގެ ފުދުންތެރިކަން އިތުރުކޮށް ރަށްރަށުގެ ތަރައްޤީއަށް ގިމަ މަސައްކަތް ކުރެވޭނެ މަގު ސަރުކާރުންވަނީ ފަހިކޮށްދީފައެވެ.