ޚަބަރު

ހދ.އަތޮޅު ކައުންސިލް ރައީސް އިންތިޚާބްކުރަން ކުޅުދުއްފުށީ ރައްޔިތުން ވޯޓުލާންޖެހޭނެ - އިލެކްޝަން


ހދ.އަތޮޅު ކައުންސިލް ރައީސް އިންތިޚާބްކުރުމަށް ނެގޭ ވޯޓްގައި ކުޅުދުއްފުށީ ސިޓީގެ ރައްޔިތުން ވޯޓްލާންޖެހޭނެ ކަމުގައި އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި ކުޅުދުއްފުއްޓަށް ސިޓީގެ ދަރަޖަ ދެވުމާއި ގުޅިގެން ހދ.އަތޮޅުގެ ކައުންސިލް ރައީސް ހޮވުމަށް ނެގޭ ވޯޓްގައި ކުޅުދުއްފުށި ރައްޔިތުން ވޯޓްލުމާއިމެދު އުފެދިފައިވާ ސުވާލަށް ޖަވާބު ދެއްވަމުން އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އަހުމަދު އަކްރަމް ވިދާޅުވީ ލާމަރުކަޒީ ޤާނޫނުގެ 11 ވަނަ މާއްދާގައިވާ ގޮތުގެމަތީން ކުޅުދުއްފުށީ ރައްޔިތުން އެއަތޮޅު ކައުންސިލް ހޮވުމަށް ނަގާވޯޓްގައި ވޯޓްލާންޖެހޭނެ ކަމަށެވެ.

ލާމަރުކަޒީ ޤާނޫނުގެ 11 ވަނަ މާއްދާގައި ބުނެފައިވަނީ އަތޮޅުކައުންސިލް އެކުލެވިގެންވަނީ ކައުންސިލް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ދީމިޤްރާތީ އުސޫލުތަކުގެ މަތީން ނަގާ ސިއްރުވޯޓަކުން އިންތިޚާބްކުރެވޭ ރައީސްއެއް ހިމެނޭގޮތަކަށްކަމަށް. އަކްރަމް ވިދާޅުވީ ކުޅުދުއްފުށީގެ ރައްޔިތަކަށްވެސް އަތޮޅު ކައުންސިލް ރައީސްގެ މަޤާމަށް ވާދަކުރުމުގެ ފުރުސަތު އޮންނާނެކަމަށެވެ.

ހދ.އަތޮޅުގެ އަތޮޅު ކައުންސިލް ރައީސް އިންތިޚާބްކުރުމަށް ކުޅުދުއްފުށީ ރައްޔިތުން ވޯޓްލާންޖެހޭއިރު ކ.އަތޮޅުގެ އަތޮޅު ކައުންސިލް ރައީސަކު ހޮވުމަށް ނަގާ ވޯޓްގައި މާލެސިޓީ ރައްޔިތުން ވޯޓްލާންނުޖެހޭނެކަމަށްވެސް އަކްރަމް ވިދާޅުވިއެވެ. ޤާނޫނު ބުނާގޮތުން މާލެ ސިޓީއަކީ ވަކި ދައިރާއެއްކަމަށް ގާނޫނުގައި ކަނޑައަޅާފައިވުމުން މާލެ ސިޓީއަށް އިންތިޚާބްކުރާނީ މޭޔަރަކާއިއެކު 19 ކައުންސިލަރުންކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދެއްވީ ސިޓީއެއްގެ ދަރަޖަ ދެވިދާނެ ކަމަށް ޤާނޫނުގައި ބުނެފައިވާ އަދަދަށް އެ ސިޓީގެ އާބާދީ ހަމަވެފައިވާތީ. އެ އާއެކު އެ ސިޓީއަށް މޭޔަރެއްގެ އިތުރުން ހަ ދާއިރާއަކަށް ކައުންސިލަރުން އިންތިޚާބުކުރަން ޖެހެއެވެ.