ޚަބަރު

ޖޮއިންޓް ޓޫރިޒަމް ތަޢާރަފްކުރަން ލަންކާއިން ޝައުގުވެރިވޭ - ޒާހިޔާ


ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުން ސްރިލަންކާއާއި އެކުގައި އެއް ޕެކޭޖެއްގެ ދަށުން ހިމެނުމަށް އެޤައުމުގެ ޓޫރިޒަމްގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުން ހުށަހަޅަމުންދާކަމަށް ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޒާހިޔާ ޒަރީރު ވިދާޅުވެއްޖެއެވެ. ޕަބްލިކް ސާރވިސް މީޑިއާ، ޕީ.އެސް.އެމްއަށް ދެއްވި ފޯން އިންޓަރވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި ޖޮއިންޓް – ޕެކެޖްތަކެއް ތަޢާރަފުކުރުމަށް ލަންކާގެ ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކުރަމުންދާކަމަށެވެ.  ޒާހިޔާ ޒަރީރު ވިދާޅުވީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ލަންކާއަށްވެސް ދެވޭގޮތަށް ޖޮއިންޓް – ޕެކޭޖްތަކެއް ތަޢާރަފުކުރުމަށް ލަންކާގެ ނަން މަޝްހޫރު ބޮޑެތި ޓޫރިޒަމް ކުންފުނިތަކުން ހުށައަޅަމުންދާކަމަށެވެ. ނަމަވެސް މިކަންކުރުމުގައި ގޮންޖެހުންތަކެއް ހުރިކަމަށް އެކަމަނާ ވިދާޅުވިއެވެ. އެގޮތުން ރާއްޖެއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ، މަޤުބޫލު މަންޒިލެއްކަމަށާއި، ވަރަށް ބޮޑު އަގުގައިވެސް ފަތުރުވެރިން ޗުއްޓީ ހޭދަކޮށްލުމަށް އަންނަ މަންޒިލަކަށްވީއިރު، ރާއްޖޭގެ ގުދުރަތީ މާހައުލުވެސް އުފެދިފައިވާ ގޮތުން ރާއްޖޭގައި ފަތުރުވެރިންނަށް ދެވޭފަދަ ޕްރައިވެސީއެއް ލަންކާއަށް ދޭން އުނދަގޫވާނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ޓޫރިޒަމް ޕްރޮމޯޓްކޮށް، އިތުރަށް ހަރުދަނާކުރުމަށް ދެ ޤައުމު ގުޅިގެން އަދިވެސް ކުރެވިދާނެކަންކަން އެބަހުރިކަމަށް ލަންކާ ސަފީރު ވިދާޅުވިއެވެ."މިހާރު ދެ ޤައުމަށް އަންނަ ބަޔަކުވެސް އެބައުޅޭ އިނގޭތޯ. ރާއްޖޭގައި ދުވަސްކޮޅެއް ހޭދަކޮށްލާފައި އައިސް ލަންކާއަށްދާ، އަދި ލަންކާގައި ދުވަސްކޮޅެއް ހޭދަކޮށްލުމަށްފަހު ރާއްޖެއަށްދާ. މިވާހަކަ މިބޭފުޅުން ބޮޑަށް މިދައްކަވަނީ ޖޮއިންޓް ޕެކެޖެޒްތަކެއް ހެއްދެވުމާއި ގުޅޭގޮތުން، ކިހާ ހިސާބަކަށް މިހާރު މި މަސައްކަތް ގޮސްފައިވޭތޯ. އަޅުގަނޑަށް މީގެ މާބޮޑު ތަފުސީލެއް ދެއްވާކަށް ނޭންގެ. ނަމަވެސް އަޅުގަނޑަށް އިނގޭ ލަންކާގެ ޓޫރިޒަމް ޕްރޮމޯޝަން ބޯޑުން ރާއްޖެއަށް ވަޑައިގެން، ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީއާއި ބައްދަލުކުރެއްވިކަން. އެހެންވީމަ ކޮންމެވެސް ވަރަކަށް މި މަސައްކަތް ކުރިއަށްދާކަމަށް އަޅުގަނޑަށް ޤަބޫލުކުރެއްވެނީ. އެހެންނަމަވެސް މީ އަޅުގަނޑު ދެންނެވިހެން މުޅިން ތަފާތު ޕެކެޖެއް ރާއްޖޭގައި މި އޮފަރކުރަނީ. މުޅިން ތަފާތު ޚިދުމަތްތަކެއް. މުޅިން ތަފާތު މާޙައުލެއް އަޅުގަނޑުމެން މިދެނީ ޓޫރިސްޓުންނަށް. އެއެއް އަޅުގަނޑަކަށް ހިޔެއްނުވޭ ސްރިލަންކާއަށް ދެވޭނެހެނެއް" އެކަމަނާ ވިދާޅުވިއެވެ. ލަންކާގައި މިވަގުތު އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތަކުގެ ނޭދެވޭ އަސަރު ދެޤައުމުގެ ގުޅުމަށް ކުރަމުން ނުދާކަން ފާހަގަކުރައްވާ، ޒާހިޔާ ވިދާޅުވީ، ދެ ޤައުމުގެ ޚާރިޖީ ގުޅުންތައް މިހާރުވެސް ވަރަށް ރަގަޅަށް ކުރިއަށްދާކަމަށާއި، ދެ ޤައުމުގެ މެދުގައި ކުރިއަށްދާ މަޝްރޫޢުތަކާއި ޕްރޮޖެކްޓްތައް ހުއްޓުމެއްނެތި ކުރިއަށްދާކަމަށެވެ. އެގޮތުން ދެ ޤައުމުގެ ދެމެދުގައި ތައުލީމީ ދާއިރާއާ ސިއްޙީ ދާއިރާއިން ސޮއިކުރެވިފައިވާ އެމް.އޯ.ޔޫތަކުގެ ދަށުން، ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް ޒާހިޔާ ވިދާޅުވިއެވެ."އަޅުގަނޑުމެން މިހާރުވެސް ހަމަ އެޑިއުކޭޝަނާއި ބެހޭ އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފައިވޭ. ހެލްތް ކޯރޕަރޭޝަންވެސް، އަދި ސްޕޯޓްސްގެ ދާއިރާއިންވެސް. މިހާރުވެސް ސްރިލަންކާގައި ނަރުހުންވެސް ހަ މަސްދުވަހުގެ ޓްރެއިނިންތަކެއް އެބަހައްދަވާ. އައި.ސީ.ޔޫއިންވެސް ޓްރައިނިންގްތަކެއް ހެއްދެވުމުގެ ފުރުސަތު ލިބިފައިވަނީ. ދެންހަމަ މިއަހަރު ސްޕެޝަލިސްޓް ޑޮކްޓަރުންވެސް ސްރީލަންކާއިން ރާއްޖެއަަށް ވަޑައިގެންފައިވަނީ. އެހެންވީމަ މި އެމް.އޯ.ޔޫގެ ދަށުންވެސް ހިންގަންޖެހޭ ހަރަކާތްތައްވެސް އެބަހިނގާ. ދެން ތައުލީމީ ދާއިރާއިންވެސް ސީދާ ހަމަ ސްރިލަންކާއިން އަޅުގަނޑުމެންނަށް ދެއްވި ސްކޮލަޝިޕްގެ ފުރުސަތުގައި މިއަހަރުވެސް ފަސް ކުއްޖަކު އައިސް، މިކޮޅުގެ ޔުނިވަރސިޓީތަކުގައި ތައުލީމު ހާސިލުކުރަމުންދަނީ" އެކަމަނާ ފާހަގަކުރެއްވިއެވެ. ރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރުން މިއަހަރު ފާހަގަކުރަމުންދާއިރު، ސްރީލަންކާއާއި ރާއްޖެއާއި ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރިތާވެސް ފަންސާސް އަހަރު މިއަހަރު ފުރޭނެއެވެ. އެހެންކަމުން ލަންކާގައިވެސް މިނިވަން ފަންސާހުގެ ހަރަކާތްތައް ވަރަށް ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވާކަމަށް ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން މައުލޫމާތުދެއްވައެވެ. މަތީ ތައުލީމު ޙާސިލުކުރުމަށާއި، ބޭސްފަރުވާގެ ބޭނުމަށް ދިވެހިން އެންމެ ގިނައިންދާ އެއް ޤައުމުކަމަށްވާ ލަންކާގައި ދިހަ ހާހާއި ގާތްކުރާ އަދަދަކަށް ދިވެހިން ދިރިއުޅެމުންދެއެވެ.