ޚަބަރު

2020ވަނަ އަހަރުގެ ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


2020ވަނަ އަހަރުގެ ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ، އެންޑް ސޯޝަލް ސަރވިސަސްއިން ހުޅުވާލައިފިއެވެ.

ޖެންޑާ މިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ "ރެހެންދި" އެވޯޑަށް ކުރިމަތިލެއްވުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުޞަތާއި އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ ފުރުޞަތު ވެސް ހުޅުވާލާފައިވާކަމަށެވެ.

2020ވަނަ އަހަރަށް އިޢުލާން ކޮށްފައިވާ އެވޯޑުގައި، ހަމައެކަނި އަންހެނުންނަށް ރެހެންދި އެވޯޑަށް ހުށައަޅާ ދާއިރާތަކާއި، އަންހެނުން ޢާންމުކޮށް، ކޮށްނޫޅޭ މަސައްކަތުގެ ރޮނގުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދާއިރާ ހިމެނެއެވެ.

ޢާންމު ފަރުދުންގެ ތެރެއިން ހަމައެކަނި އަންހެނުންނަށް ރެހެންދި އެވޯޑަށް ހުށަހެޅޭނީ، ސިޔާސީ ދާއިރާއާއި، އިޤްތިޞާދީ ދާއިރާއާއި އިޖްތިމާޢީ ދާއިރާއިންނެވެ.

އަންހެނުން ޢާންމުކޮށް ކޮށްނޫޅޭ މަސައްކަތުގެ ރޮނގުން ރެހެންދި އެވޯޑަށް ހުށަހެޅޭ ދާއިރާތަކަކީ، އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތް ނުވަތަ އެކްސެޕްޝަނަލް އިންސްޓިޓިއުޝަނަލް ސަރވިސްގެ ދާއިރާއިންނާއި، "އަންހެނުން ޢާންމުކޮށް ކޮށްނޫޅޭ މަސައްކަތްތައް ނުވަތަ "ނޮން-ޓްރެޑިޝަނަލް ރޯލްސް"ގެ ދާއިރާއިންނެވެ.

މި އެވޯޑަށް ކުރިމަތިލުމަށް އެދި ޢާންމު ފަރާތްތަކާއި، މުއައްސަސާތަކުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުން، މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ، އެންޑް ސޯޝަލް ސަރވިސަސްއަށް ނަން ހުށަހެޅުމުގެ ފުރުސަތު މިމަހު 30 ވާ ބުރާސްފަތި ދުވަހުގެ 14:00އަށް ވަނީ ހުޅުވާލާފައެވެ. މި އެވޯޑަށް ކުރިމަތިލާނެ ގޮތުގެ އިތުރު މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބޭނެކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.

ރެހެންދި އެވޯޑަކީ މުޖުތަމަޢާއި ޤައުމުގެ ތަރައްޤީއަށް ލާބައާއި މަންފާ ލިބޭ ފަދަ އަގުހުރި ޚިދުމަތްތައް ކޮށްދީފައިވާ އަންހެނުންނަށް، 2014 ވަނަ އަހަރުން ފެށިގެން ދޭ ޚާއްޞަ އެވޯޑެކެވެ.