ޚަބަރު

މިނިމަމް ވޭޖާގުޅޭ ކޮމިޓީގެ ރިޕޯޓު ވަޒީރުންގެ މަޖިލީހަށް


މިނިމަން ވޭޖާ ގުޅޭގޮތުން ލަފާދޭ ކޮމިޓީން އެކުލަވާލި ރިޕޯޓަށް އަންނަ ހަފްތާގައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވަން ހުށަހަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ‏ރާއްޖޭގައި މަސައްކަތްތެރިންނަށް ދެވޭނެ މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުން ތައްޔާރު ކުރެއްވި ރިޕޯޓު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާކަމަށެވެ.

ރާއްޖޭގައި މަސައްކަތްތެރިންނަށްދެވޭނެ އެންމެކުޑަ އުޖޫރަ ކަނޑައެޅުމަށްޓަކައި ރިޕޯރޓް އެކުލަވާލުމުގެ ކުރިން އިކޮނޮމިކް މިނިސްޓްރީންވަނީ ރާއްޖޭގައި ހިންގާ ވިޔަފާރިތަކުގެ ސަރވޭ އެއްވެސް ހަދާފައެވެ. އެންމެ ކުޑައުޖޫރަ ކަނޑައެޅުމަށް މަޖިލީހުން އެކުލަވާލި ކޮމިޓީގައިވެސްވަނީ އެންމެކުޑަ އުޖޫރަ ކަނޑައެޅުމުގައި އެކި އިންޑަސްޓްރީތަކަށް ވަކި ރޭޓްތަކެއް ކަނޑައެޅުމާމެދު މަޝްވަރާކޮށްފައެވެ.

މުސާރައާއި އުޖޫރައާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ބޯޑުން ރިޕޯރޓް އެކުލަވާލާފައިވަނީ ކުޑައުޖޫރަ ކަނޑައެޅުމަށްޓަކައި ކުރެވުނު ހުރިހާ މަސައްކަތްތަކަށް ރިޢާޔަތްކުރުމަށްފަހުއެވެ. ނަމަވެސް ރިޕޯރޓްގައި އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައާފައިވަނީ ކޮން މިންވަރެއްކަން އަދި ހާމަކޮށްފައިނުވެއެވެ.

އެންމެ ކުޑައުޖޫރަ ކަނޑައެޅުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް މިދައުރުގެ ތެރޭގައި ހުށަހެޅުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް މިއަހަރުގެ ކުރީކޮޅު ނިމުމަކީ އެންމެބޮޑު އަމާޒުކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްވެސްވަނީ ވިދާޅުވެފައެވެ. މަސައްކަތްކުރާ ފަރާތްތަކަށް ހަމަ އަގުކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދުފުޅެކެވެ.