ޚަބަރު

ޖަލުގައި ހިނގާދިޔަ ކަންތައް ތަޙްޤީގުކުރުމަށް އެން.އައި.ސީން ޖަލަށް


މާފުށީ ޖަލުގައި ހިނގާދިޔަ ހަމަނުޖެހުންތައް ތަޙްޤީގުކުރުމަށްޓަކައި ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނުން މިއަދު ޖަލަށް ޒިޔާރަތްކޮށްފިއެވެ.

އެންއައިސީން އިސްނަގައިގެން ކުރަން ފަށާފައިވާ ތަހުގީގާއި ގުޅޭގޮތުން ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނު ވިދާޅުވީ ޖަލުގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ކޮމިޝަނުން ކުރަމުންދާ ތަހުޤީގަކީ ހުރިހާ ފަރާތްތަކެއްގެ ވާހަކަތަކެއް އަޑުއަހާ ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަށާފައިވާ ތަޙްޤީގެއްކަމަށެވެ. އެގޮތުން މި ތަޙްޤީގުގައި ކޮމިޝަންގެ މެބްރުން މިއަދު މާފުށީ ޖަލަށް ޒިޔާރަތްކޮށް ތަޙްޤީގަށް ބޭނުންވާ ގިނަ މައުލޫމާތުތަކެއް ލިބިފައިވާކަމަށެވެ.

ކޮމިޝަނުން ޖަލަށްކުރި ޒިޔާރަތުގައި ޖަލު ބަލަހައްޓާ ފަރާތުގެ ފުރިހަމަ އެއްބާރުލުން ލިބުނުކަމަށް އޭނާ ވިދާޅުވިއެވެ. ކޮމިޝަނުން ވަކިވަކި ޤައިދީންނާއި ކުރަން ބޭނުންވި ސުވާލުތައްކޮށް ކޮމިޝަނުން ބަލަންބޭނުންވި ހުރިހާތަނެއް ބެލުމުގެ ޖާގަ ޖަލު އޮފިސަރުން ދެއްވިކަމަށް ސުލައިމާން ވިދާޅުވިއެވެ.

ޖަލުގައި މިދިޔަ ހުކުރު ދުވަހު ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ވިދާޅުވީ ބައެއް ގައިދީން ހަމަނުޖެހުން ހިންގުމަށް މަސައްކަތްކޮށްފައިވަނީ ޖަލަށް ވެއްދުން މަނާތަކެތި ވައްދަން ހުއްޓުވާތީ އެކަމާއި ހިންހަމަ ނުޖެހިގެންކަމަށެވެ.

ޖަލުގެ ކަންކަން ހަރުދަނާކޮށް ސަލާމަތީ ފިޔަވަޅު ވަރުގަދަކުރުމުގެ ގޮތުން، ބަންދު މީހުންނާއި ގައިދީން ޖަލަށް ވަދެނިކުމެ އުޅޭއިރު، މެޓަލް ޑިޓެކްޓްކުރެވޭ އާލާތްތައް ބޭނުންކޮށްގެން މިހާރު ފާސްކުރަމުން ދިޔަނަމަވެސް ސްކޭން ކުރެވޭ ގޮތެއް ނެތުމުގެ ސަބަބުން މަސްތުވާތަކެތި ވައްދާ މައްސަލަ މުޅިން ނުހުއްޓުވޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަން ހައްލުކުރުމަށް މިއަހަރުތެރޭގައި ސްކޭނަރުތައް ގެނެސް އިތުރަށް މަސައްކަތް ހަރުދަނާ ކުރާނެކަމަށް މުނާޒް ވިދާޅުވިއެވެ.

މާފުށީ ޖަލުގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ހިއުމަންރައިޓްސް ކޮމިޝަނުންވެސް ވަނީ މިއަދު ޖަލަށް ޒިޔާރަތްކޮށްފައެވެ.