ވިޔަފާރި

19 ރަށެއްގައި ބީޗް ސްކައުޓުން ބޭތިއްބުމުގެ މަސައްކަތް ފަށައިފި


ޓުއަރިޒަމް މިނިސްޓްރީން ކުރިއަށްގެންދާ ވޯޓަރ ސޭފްޓީ ޕްރޮގްރާމްގެ ދަށުން 19 ރަށެއްގައި ބީޗް ސްކައުޓުން ބޭތިއްބުމަށް ނިންމައިފިއެވެ.

19 ރަށެއްގައި ބީޗް ސްކައުޓުންގެ ޚިދުމަތް ދޭން ނިންމާފައިވާއިރު، އެކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އެމަޤާމަށް ކުރިމަތިލުމަށް ޓުއަރިޒަމް މިނިސްޓްރީން މިހާރު ވަނީ ހުޅުވާލާފައެވެ.

ޓުއަރިޒަމް މިނިސްޓްރީން ފަށާފައިވާ ވޯޓަރ ސޭފްޓީ ޕްރޮގްރާމަކީ ރާއްޖެއަކީ، ފަތުރުވެރިންނަށާއި ރާއްޖޭގެ ރައްޔިތުންނަށް ރައްކާތެރި، އަމާން އަދި މަޤުބޫލް މަންޒިލެއްކަން ކަށަވަރުކުރުމަށްޓަކައި، ޓުއަރިޒަމް މިނިސްޓްރީއާއި މޯލްޑިވްސް ޕޮލިސް ސަރވިސް އަދި އެމް.އެން.ޑީ.އެފް ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.

ވޯޓަރ ސޭފްޓީ ޕްރޮގްރާމްގެ ދަށުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މޫދަށްއެރޭ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ ސޭފްޓީ ބޯޑު ބަހައްޓާ، ބީޗް ސްކައުޓުން އެސަރަޙައްދުތަކުގައި ބޭތިއްބުމަށް ވަނީ ނިންމާފައެވެ.

އެގޮތުން މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން 2019 ވަނަ އަހަރުގެ ނިޔަލަށް މަދުވެގެން 100 ޓޫރިސްޓް އެނދު ޤާއިމުކުރެވިފައިވާ 19 ރަށެއްގައި "ބީޗް ސްކައުޓުން" ގެ ނަމުގައި ލައިފްގާރޑުން ބޭތިއްބުމަށް ޓުއަރިޒަމް މިނިސްޓްރީން ނިންމާ، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އެ ކުރިމަތިލެއްވުމަށް ޓުއަރިޒަމް މިނިސްޓްރީން މިއަދު ވަނީ ހުޅުވާލާފައެވެ.

ބީޗް ސްކައުޓުން ބޭތިއްބުމަށް ނިންމާފައިވާ 19 ރަށަކީ؟
ބ. ދަރަވަންދޫ
އއ. ރަސްދޫ
އއ.ތޮއްޑޫ
އއ. އުކުޅަސް
އދ. ދިގުރަށް
އދ. ހަންޔާމީދޫ
ކ. ދިއްފުށި
ކ. ގުޅި
ކ. ގުރައިދޫ
ކ. ހިންމަފުށި
ކ. ހުރާ
ކ. ހުޅުމާލެ
ކ. މާފުށި
މާލެ ސިޓީ
ކ. ތުލުސްދޫ
ކ. ވިލިގިލި
ވ. ތިނަދޫ
ލ.ގަން
އައްޑޫ ސިޓީ

ބީޗް ސްކައުޓެއްގެ މައިގަނޑު ޒިންމާތަކުގެ ތެރޭގައި،
- ފަތުރުވެރިންނަށް ސޭފްޓީ ބްރީފިންގ ދިނުން
- އެދުވަހެއްގެ މޫސުމާއި ރަށުގެ ވެއްޓާބެހޭ މަޢުލޫމާތު ދިނުން
- މޫދަށް އެރިއުޅުމުގައި ސަލާމަތީ ގޮތުން ހިފަހައްޓަންޖެހޭ މިންގަނޑު ހިފަހައްޓާތޯ ބެލުން
- މީހުން މޫދަށް އެރި އުޅެނީ މޫދަށް އެރެން ކަނޑައެޅިފައި އޮންނަ ސަރަޙައްދުގެ ތެރޭގައިތޯ ބެލުން - - ހާދިސާއެއް ދިމާވެއްޖެ ހާލަތެއްގައި ފުރަތަމަ އެހީ ފޯރުކޮށްދިނުމުގެ ޤާބިލުކަން ހުރުން
- ފަތުރުވެރިންނާއި ޢާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް ލައިފް ސޭވިންގ އިކުއިޕްމެންޓް އަދި އިމަރޖެންސީ ހާލަތެއްގައި ބޭނުންކުރަން ހުންނަ ތަކެތި ބޭނުންކުރުމާއި ބެލެހެއްޓުން

ބީޗް ސްކައުޓުން ހޯދުމުގެ މަސައްކަތް ޓުއަރިޒަމް މިނިސްޓްރީން ފަށާފައިވާއިރު، މިނިސްޓްރީން ކަނޑައަޅާފައިވާ 19 ރަށުގައި މިމަހުގެ ތެރޭގައި ބީޗް ސްކައުޓުންގެ ޚިދުމަތް ފެށުމަކީ އަމާޒެއްކަމަށް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.