ޚަބަރު

ނިލަންދޫ ކައުންސިލްގެ ތިޖޫރިން 5 ލައްކަ ރުފިޔާ ވަގަށް ނަގައިފި.


ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލައި، ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ނިލަންދޫ ކައުންސިލް އިދާރާގެ ތިޖޫރީން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލަ މިއަދު ހެނދުނުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށާއި، މި މައްސަލަގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާކަމަށެވެ. މި މައްސަލަ ތަހުޤީޤުކުރުމަށް މާލެއިން ޓީމެއް، މިހާރު ނިލަންދޫގައި ހަރަކާތްތެރިވަމުންދާކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ. ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްއަށް މައުލޫމާތު ދެއްވަމުން ނިލަންދޫ ކައުންސިލްގެ ރައީސް، އަހުމަދު އަލީ ވިދާޅުވީ، ތިޖޫރީން ފައިސާ ނަގައިފައިވާކަން އެނގިފައިވަނީ މިއަދު ހެނދުނު 08:45 ހާއިރުކަމަށާއި، ފައިސާ ވަގަށް ނަގާފައިވަނީ ތިޖޫރީ އެއްކޮށް ހަލާކުކޮށްލައިގެންކަމަށެވެ. އަދި މިކަން އެރަށު ރައްޔިތުންގެވެސް ސަމާލުކަމަށް ގެނެސްފައިވާކަމަށާއި، ފުލުހުން އެ އިދާރާގައި ހަރަކާތްތެރިވަމުންދާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.