ޚަބަރު

ރާއްޖެއިން ބޭރުން ޙާފިޡުން ގެނައުމުގެ އުސޫލު ހަރުދަނާކުރުމަށް މަޝްވަރާކޮށްފި


ތަރާވީޙް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ހާފިޡުން ގެނައުމަށް ޢަމަލުކުރަމުންދާ އުޞޫލު ހަރުދަނާކުރުމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ "ރެޑިކަލައިޒޭޝަން ކޮމިޓީ"އާއި ކަމާބެހޭ އިދާތާރައް ގުޅިގެން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މިބައްދަލުވުމުގައި ތަރާވީޙް ނަމާދު ކުރުމަށް ގެނެވޭ ޙާފިޡުންނަކީ ކަމަށް އެކަށީގެންވާ، އަދި ރާއްޖޭގައި އޮންނަ ދީނީ އެއްބައިވަންތަކަމުގެ އުޞޫލަށް ތަބާވާ، ރަނގަޅު ބައެއްތޯ ދެނެގަންނާނެ ގޮތާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

މިހާރު އަމަލު ކުރަމުންދާ އުސޫލް ހަރުދަނާ ކުރުމަށް ބާއްވަވާ މިބައްދަލުކުރެއްވުމުގައި ސަރުކާރުގެ ތަންފީޒީ އިދާރާތަކުގެ ދަޢުރު ފުޅާކުރުމާއި، ސިޓީ ކައުންސިލްތަކާއި އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ދަޢުރު ފުޅާކޮށް، ބޭރުން ގެންނަ ޙާފިޡުން ބެލެހެއްޓޭނެ ރަނގަޅު ނިޒާމެއް އެކަށައެޅުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. މީގެއިތުރުން ރާއްޖޭގައި ތިބި ޙާފިޡުންނަށް އިމާމުވެ ތަރާވީޙް ނަމާދު ކުރެވޭނެ ފުރުސަތު ދިނުމާއި، އެ ޙާފިޡުންގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފޭނެ ގޮތްތަކާއި ގުޅޭގޮތުންވެސްވަނީ މަޝްވަރާކޮށްފައެވެ.

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ބުނެފައިވަނީ މި ބައްދަލުވުމަކީ މިއަހަރުގެ ރަމަޟާން މަހަށް ރާއްޖެއިން ބޭރުން ޙާފިޡުން ގެނައުމަށް ދުރާލާ ތައްޔާރުވުމަށް ބޭއްވި މަޝްވަރާ ބައްދަލުވުމެއްކަމަށެވެ.

ޙާފިޡުން ގެނައުމުގެ ކަންކަން ހަރުދަނާކުރުމަށް މަޝްވަރާކޮށްފައިވަނީ ކަމާގުޅޭ 7 މުޢައްސަސާގެ މައްޗައް އެކުލެވޭ ސަބް-ކޮމިޓީއަކުންނެވެ. މި ކޮމިޓީގައި ހިމެނެނީ، އިސްލާމިކް މިނިސްޓްރީ، ހޯމް މނިސްޓްރީ، ފޮރިން މިނިސްޓްރީ، އެމްއެންޑީއެފް، މޯލްޑިވްސް ޕޮލިސް ސަރވިސް، މޯލްޑިވްސް އިމިގްރޭޝަން އަދި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރެވެ.