ޚަބަރު

ފުރުމުގެ 3 ގަޑިއިރު ކުރިން އެއަރޕޯޓަށް އައުމަށް އިލްތިމާސްކޮށްފި


ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފުރަންދާ މީހުން ފުރުމުގެ ތިން ގަޑިއިރު ކުރިން އެއަރޕޯޓަށް ދިއުމަށް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން އެދިއްޖެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ހިންގާ އެމްއޭސީއެލްއިން މިކަން ހާމަކޮށް ކުރި ޓުވީޓެއްގައިވަނީ މިދުވަސްވަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ "ޕީކް ސީޒަން" ކަމުން އެއަރޕޯޓްގެ އޮޕަރޭޝަންތައް އިތުރުވެ، އެއަރޕޯޓުގެ ކާރޫބާރޫ ބޮޑުވެފައިވާކަމަށެވެ. އެމްއޭސީއެލްއިން ބުނީ މިދުވަސްވަރަކީ ވީއައިއޭ ޑިޕާޗާއަށް ބާރުބޮޑު ދުވަސްވަރެއް ކަމުން ފަސިންޖަރުންނަށް އެއްވެސް މައްސަލައެއް ކުރިމަތި ނުވާނެހެން ދަތުރަށް ފުރުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި ފުރަން ހަމަޖެހިފައިވާ ވަގުތުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިޔުމަށް އެދޭ ކަމަށެވެ.

އެމްއޭސީއެލްއިން މިފަދައިން ހާމަކޮއްފައިވާއިރު، މިދުވަސްކޮޅު ފްލައިޓްތައް ޑިލޭވުމުގެ މައްސަލައާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ވީއައިއޭގެ ޓްރެފިކަށް ލުއިކޮށް އެއަރޕޯޓް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އަލަށް ހެދި އޭޕްރަން ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ވަނީ ފަށައިފައެވެ. އަދި ހަމަމިއާއެކު، އޭގެ ދަށުން އައު ރަންވޭއެއް ހަދާ، ޕެސެންޖާ ޓާމިނަލެއްގެ މަސައްކަތް ދަނީ ކުރިއަށެވެ.