ޚަބަރު

އެމްޑީޕީގެ އެސްޖީވެސް މޭޔަރުކަމަށް!


ވާދަވެރިކަން ބޮޑުވެފައިވާ މާލެ މޭޔަރުގެ މަޤާމަށް ކުރިމަތިލުމަށް އެމްޑީޕީގެ ސެކެރަޓަރީ ޖެނަރަލް އަނަސް ޢަބްދުއްސައްތާރު ނިންމައިފިއެވެ.

މިމަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޕްރައިމަރީގައި މާލެސިޓީގެ މޭޔަރުކަމުގެ މަޤާމަށް ވާދަކުރައްވާނެކަން އަނަސް އިއުލާންކުރެއްވީ މިއަދުއެވެ. އޭނާ ވިދާޅުވީ މި މަޤާމަށް ކުރިމަތިލަނީ މާލެއަށް ހުރި ގޮތުންޖެހުންތައް ހައްލުކޮށް މާލެ ރައްޔިތުންނާއި ރަށްވެހިންނަށް ހިންދެމިލައި ހިތްފަސޭހަތަނަކަށް މާލެސިޓީ ހެދުމަށްކަމަށެވެ.

މިމަޤާމަށް ވާދަކުރެއްވުމަށް ނިންމުމާއިއެކު މިއަދުން ފެށިގެން އެމްޑީޕީގެ ސެކެޓްރީ ޖެނެރަލްގެ މަސްއޫލިއްޔަތުން މިވަގުތަށް ދުރަށް ޖެހިވަޑައިގެންފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މާލެ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީގެ އިސްސަފުގެ ގިނަ ބޭފުޅުންތަކެއް ވާދަކުރެއްވުމުގެ ޝައުގުވެރިކަންދަނީ ފާޅުކުރައްވަމުންނެވެ. މޭޔަރުކަމަށް ވާދަކުރައްވާނެކަމަށް އިޢުލާންކުރެއްވުމަށްފަހު މިހާތަނަށް އެނިންމުން އަނބުރާ ގެންދަވާފައިވަނީ އެމްޑީޕީގެ ޑެޕިއުޓީ ސެކެރެޓަރީ ޖެނެރަލް އަފްޝަން ލަތީފެވެ.

މާލޭގެ މޭޔަރުގެ މަޤާމަށް އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވާނެކަމަށް މިހާތަނަށް އިޢުލާންކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި އަނަސްގެ އިތުރުން ދެން ހިމެނެނީ މިހާރުގެވެސް މާލޭގެ މޭޔަރުގެ މަޤާމް ފުރުއްވަމުންދާ ސިފާ މުހައްމަދާއި، ޑެޕިއުޓީ މޭޔަރު ޝަމާޢު ޝަރީފާއި، ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ ކައުންސިލަރު އަހްމަދު ނިޔާޒެވެ.

މިމަހުގެ 31 ވަނަ ދުވަހުބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޕްރައިމަރީގައި އެންމެ ވާދަވެރިވެގެންދާނެކަމަށް ބެލެވެނީވެސް މާލެ ސިޓީ ކައުންސިލްގެ މޭޔަރުންގެ ވޯޓެވެ.

މާލެސިޓީގެ މޭޔަރުގެ މަޤާމަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ބޭފުޅުންގެ ފިޔަވައިދެން ވާދަކުރާނެކަމަށް އިއުލާންކުރައްވާފައިވާ ބޭފުޅުންނަކީ އިދިކޮޅު ޕީޕީއެމްޕީއެންސީގެ ފަރާތުން ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒުއާއި، މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރުކަމަށް ވާދަކުރެއްވި އަލްހާން ފަހުމީއެވެ. މާޗް 4ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަ ކައުންސިލް އިންތިޚާބްގައި މާލެސިޓީ ކައުންސިލަށް މޭޔަރާއެކު 19 ކައުންސިލަރުން އިންތިޚާބް ކުރާނެއެވެ.