ކުޅިވަރު

ކޭން ނެތުމަކީ ބޮޑު ގެއްލުމެއް: މޮރީނިއޯ


ކެޕްޓަން ހެރީ ކޭން ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހުމަކީ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ޓޮޓެންހަމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އޭނާ މިހެން ބުނީ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން ކޭން އަށް ގިނަ މެޗުތަކެއް ގެއްލިދާނެ ކަމަށް ޑޮކްޓަރުން ލަފާކޮށްފައިވަނިކޮށެވެ.

ހުކުރު ދުވަހުގެ ރޭ ސައުތެމްޓަން އަތުން 1-0 އިން ޓޮޓެންހަމް ބަލިވި މެޗުގައި އަނިޔާވެގެން ބޭލި ކޭން އަލުން ކުޅުމުގެ ތެރެއަށް އަންނާނެ ކަމަށް ބެލެވޭ ތާރީހެއް ކުލަބުން ނުބުނެ އެވެ. ނަމަވެސް ލަފާކުރަނީ ގިނަ ހަފުތާތަކެއްގައި ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށެވެ.

މި ސީޒަނުގައި މިހާތަނަށް 31 މެޗުން 27 ގޯލު ޖަހާދީފައިވާ ކޭން ޓުވިޓާގައި ބުނެފައިވަނީ ދަތި ވަގުތުތަކާއި ދަތި ކަންކަން ވެސް ދިމާވުމުން އެކަން ތަހައްމަލް ކުރަންޖެހޭ ކަމަށެވެ.

ކޯޗު މޮރީނިއޯ ބުނީ ކޭން އަކީ ކުލަބާއި ސަޕޯޓަރުންނަށް ކިހާ މުހިންމު ކުޅުންތެރިއެއްކަން އެންމެނަށް ވެސް އެނގޭ ކަމަށެވެ.

"އޭނާގެ ކޮލިޓީ އާއި އޭނާ ކުލަބަށް ކޮށްދޭ ކަންކަން އެންމެނަށް ވެސް އެނގޭނެ. އޭނާ އަކީ ހުރިހާ މިނިޓެއް މިހާތަނަށް ކުޅުނު ކުޅުންތެރިއެއް. އޭނާ ނެތުމަކީ ވަރަށް ބޮޑު ގެއްލުމެއް. އަހަރުމެން އޭނާ މަތިން ވަރަށް މިސްވާނެ،" މޮރީނިއޯ ބުންޏެވެ.

ޖެނުއަރީ ޓްރާންސްފާގައި އިތުރު ކުޅުންތެރިން ގެނައުމާމެދު މޮރީނިއޯ އަދި ވަކިއެއްޗެއް ނުބުނެ އެވެ.