ޚަބަރު

ކައުންސިލް އިންތިޚާބަށް ރީރަޖިސްޓްރީވާން އަންނަމަހުގެ 13ވަނަ ދުވަހު ހުޅުވާލާނަން - ފުވާދު


ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ރީ-ރަޖިސްޓްރީވުމަށް މި އަންނަމަހުގެ 13އިން 17އަށް ހުޅުވާލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މިފަހަރުގެ ކައުންސިލް އިންތިޚާބުގައި ރީ-ރަޖިސްޓްރީވާންޖެހޭނީ މިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެންތަނެއްގައި ވޯޓުލާނަމަ އެކަނިކަމަށް އިލެކްޝަނުން ވަނީ ނިންމާފާއެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ފުވާދު ތަޢުފީޤު ވިދާޅުވީ، ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލުތަކާއެކު ބާއްވާ ފުރަތަމަ ކައުންސިލް އިންތިޚާބު ވެގެންދާނީ އިދާރީގޮތުން ބުރަބޮޑު އިންތިޚާބަކަށްކަމަށާ، ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވާންޖެހޭ ތައްޔާރީތައް ވަރަށް ފުރިހަމައަށްވަމުންދާކަމަށެވެ.

ކުޅުދުއްފުށީ ސިޓީ ފިޔަވައި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް ހިމެނެހޭން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު 2020ގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާގޮތް އެކޮމިޝަނުގެ ވެބްސައިޓާއި ގެޒެޓުގައިވެސް މިހާރު ޝާއިޢުކޮށްފައިވާކަމަށް ފުވާދު ވިދާޅުވިއެވެ.

"ފެބްރުއަރީ 13 އިން 17 އަށް ރީރަޖިސްޓްރޭޝަނަށް ހުޅުވާލާނީ. މާލެއާއި ހުރިހާ ރަށެއްގައިވެސް މި ތާރީޚުގައި އޮންނާނީ. މިފަހަރު ރީރަޖިސްޓްރީކުރަންޖެހޭނީ ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ވޯޓުލުމަށްޓަކާ ރަޖިސްޓްރީކޮށްފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާނަމަ އެކަނި" ފުވާދު ވިދާޅުވިއެވެ.

މިފަހަރުގެ އިންތިޚާބުގައިވެސް ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓުމުގެ ވިސްނުންހުރީ ކުރީގެ އިންތިޚާބުތަކުގައިވެސް ޢާއްމުކޮށް ވޯޓު ފޮށި ބެހެއްޓި ޤައުމުތައްކަމަށްވާ ސްރިލަންކާ، އިންޑިއާ، މެލޭޝިއާ، ސިންގަޕޫރު އަދި އިނގިރޭސިވިލާތުގައިކަމަށް ފުވާދު ވިދާޅުވިއެވެ. ނަމަވެސް އެ ޤައުމުތަކުގައި ވޯޓު ފޮށި ބަހައްޓާނީ، އެ ޤައުމެއްގައި ވޯޓުލުމަށްޓަކާ މަދުވެގެން 150 މީހުން ރަޖިސްޓްރީވެފައިވާނަމަ އެކަނިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި ރާއްޖެއިން ބޭރުގައި ވޯޓުލާ ފަރާތްތަކާއި ރިސޯޓުތަކުގައި ވޯޓުލާ ފަރާތްތަކުން ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލަނީ މަޖިލިސް އިންތިޚާބުގައިވެސް ވޯޓުލީ ތަނަށްކަމަށްވިޔަސް، އެފަރާތްތަކުން އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވާންޖެހޭނެކަމަށް ފުވާދު ވިދާޅުވިއެވެ.

"ރީރަޖިސްޓްރޭޝަނަށް އެތަނުގައިވެސް އަޅުގަނޑުމެން ހުޅުވާލާނަން، އަދި ރަޖިސްޓްރޭޝަނަށް ހުޅުވާލާއިރު ރާއްޖޭގައި ހުރި ނަމަވެސް ވޯޓުލާ ދުވަހު އެއިން ޤައުމެއްގައި ހުންނަނަމަ، އެތަނެއްގައި ވޯޓުލުމަށްޓަކާ ރާއްޖޭގައިވެސް ރަޖިސްޓްރީކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ. މިފަހަރު ރީރަޖިސްޓްރީކުރަންޖެހޭނީ ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ވޯޓުލުމަށްޓަކާ ރަޖިސްޓްރީކޮށްފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާނަމަ އެކަނި. ނަމަވެސް ރިސޯޓުތަކާއި ރާއްޖޭން ބޭރުގައި ތިއްބަވާ ފަރާތްތަކުން ވޯޓުލުމަށް އަލުންޖެހޭނީ ހަމަ ރަޖިސްޓްރީވާން" ފުވާދު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު މިއަންނަމަހުގެ 4ވަނަ ދުވަހު ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ނިންމާފައެވެ. ވޯޓުލުން އޮންނާނީ އަންނަ އޭޕްރީލްމަހުގެ 4ވަނަ ދުވަހުއެވެ. މިހާރު ހަމަޖެހިފައިވާގޮތުންނަމަ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރާނީ އޭޕްރީލްމަހުގެ 12ވަނަ ދުވަހުއެވެ. އަދި ދެވަނަ ބުރެއް ބާއްވަންޖެހިއްޖެނަމަ، އިންތިޚާބުގެ ދެވަނަބުރު ބޭއްވުމަށް އިލެކްޝަނުން ކަނޑައަޅާފައިވަނީ އޭޕްރީލްމަހުގެ 18ވަނަ ދުވަހުއެވެ.