ތަޢުލީމު

2.4 ބިލިއަން ރުފިޔާގެ މަޝްރޫޢު ތަޢުލީމީ ދާއިރާއަށް


ރާއްޖޭގެ ތައުލީމީ ދާއިރާގެ ތަރައްގީއަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރުން 2.4 ބިލިއަން ރުފިޔާގެ ބޮޑެތި މަޝްރޫއުތަކެއް މިހާރު ހިންގަވަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވައިފިއެވެ. ރައީސް ޔާމީންގެ މައިގަނޑު އެއް ވައުދަކީ ރާއްޖޭގެ އިގްތިސާދު ކުރިއަރުވާ، ރާއްޖެ ދުވަހަކުވެސް ނުދެކޭފަދަ ތަރައްގީއެއް ގައުމަށް ހޯއްދަވައިދެއްވުން ކަމަށްވީއިރު، މިކަން ކާމިޔާބު ކުރެއްވުމަށްޓަކައި އެމަނިކުފަނު ދަނީ އެއްވެސް ދާއިރާއެއް ދޫކޮށްނުލައްވާ ކުރިއަށްވަޑައިގަންނަވަމުންނެވެ. މިގޮތުން ތައުލީމީ ދާއިރާއިންވެސް ސަރުކާރުން ދަނީ ބޮޑެތި ކާމިޔާބީތަކެއް ހާސިލްކުރަމުންނެވެ.



ތައުލީމީ
ދާއިރާގައި ސަރުކާރުގެ ސިޔާސަތަކީ އެއްވެސް ކުއްޖަކު ބާކީ ނުކުރުމެވެ. މިއާއެކު
ރާއްޖޭގެ ތައުލީމީ ނިޒާމަށް ގެނެވުނު އެންމެ ބޮޑެތި ބަދަލުތައް ފެނިގެންދާ އެއް
ދައުރަކީ ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްތަކެވެ. ޕްރީ ސްކޫލް ތައުލީމުން
ފެށިގެން އެންމެ މަތީ ލެވެލާއި ހިސާބަށްވެސް ތައުލީމީ ދާއިރާގެ ތަރައްގީއަށް
މުހިންމު ފިޔަވަޅުތަކެއް ވަނީ އަޅުއްވާފައެވެ. ރައީސް ޔާމީން ވެރިކަމާއި
ހަވާލުވެވަޑައިގެންއިރު، ރާއްޖޭގެ ބައެއް ސްކޫލްތަކެއް ހުރީ ބާވެ، ބައެއް
ސްކޫލްތައް ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައެވެ.



ޚާއްސަކޮށް
މާލޭގެ ދުވަސްވީ ސްކޫލްތަކުގައި ހުރި އިމާރާތްތައް ހުރީ ކިޔަވާކުދިންނަށް އެންމެ
ރައްކާތެރި ތަންތަނުގެ ގޮތުގައެއް ނޫނެވެ. މިކަމަށް އޮތް ގޮންޖެހުންތައް
ނައްތާލުމުގެ ގޮތުން، ސަރުކާރުން މިހާރު ދަނީ 643 މިލިއަން ރުފިޔާގެ މަޝްރޫއެއް
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދަމުންނެވެ. އެގޮތުން މި މަޝްރޫއުގެ
ދަށުން މިހާތަނަށް 12 ސްކޫލެއް އަލަށް އިމާރާތްކޮށް ނިމިފައިވެއެވެ. އަދި އިތުރު
122 ސްކޫލް އަލަށް އިމާރާތް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.



މާލެއާއި
އަތޮޅުތަކުގެ ސްކޫލްތަކުގެ ޖާގައިގެ ދަތިކަން ހައްލު ކުރެއްވުމުގެ ގޮތުން، ރައީސް
ޔާމީންގެ ވެރިކަމުގައި މިހާތަނަށް 42 ކްލާސް ރޫމް އިމާރާތްކޮށް ނިމިފައިވެއެވެ.
އަދި އިތުރު 585 ކްލާސް ރޫމާއި، 22 ހޯލެއް އިމާރާތް ކުރުމުގެ މަސައްކަތްވެސް
މިހާރު ދަނީ ކުރެވެމުންނެވެ. މި މަސައްކަތްތަކަށް ޖުމްލަ 489 މިލިއަން ރުފިޔާ
ސަރުކާރުގެ ބަޖެޓުން ޚަރަދުވާނެއެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ
އަދި ރާއްޖޭގެ ތައުލިމީ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ޑރ އަބްދުﷲ
ނަޒީރު ގަބޫލުކުރައްވާ ގޮތުގައި ތައުލީމީ ދާއިރާއިން މިއަދު ހޯދަމުންދާ ކާމިޔާބީގެ
އަސްލަކީ ސިޔާސީގޮތުން މިމަސައްކަތަށް ދީފައިވާ އަހަންމިއްޔަތުކަމެވެ.



މަތީ ތައުލީމުގެ
ދާއިރާއަށް ބަލާލާއިރު، 300 މިލިއަން
ރުފިޔާ ހަރަދުކޮށްގެން 778 ދަރިވަރަކަށް މަތީ ތައުލީމަށް ކިޔެވުމަށް ސަރުކާރުން
ފުރުސަތު ހޯދައިދީފައިވެއެވެ. އަދި އިތުރު 400 މިލިއަން ރުފިޔާ ހަރަދުކޮށްގެން
1000 ދަރިވަރުންނަށް މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު މިއަހަރުގެ ތެރޭގައި
ފަހިކޮށްދެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. ތައުލީމީ ގާބިލް
ޒުވާނުން އުފެއްދުމަށް ރާއްޖޭގައި މަދު ދާއިރާތަކުން މީހުން ބިނާ ކުރެއްވުމަށް 168
މިލިއަން ރުފިޔާގެ ސްކޮލަރޝިޕް 420 ދަރިވަރަކަށް މިހާތަނަށް ހޯދައިދީފައިވެއެވެ.
މީގެ އިތުރުންވެސް މީހުން ބިނާ ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ގެންދަނީ
ދަސްވާރު އަދި ބީޓެކް ޕްރޮގްރާމްތަކެއް ކުރިއަށްގެންދަމުންނެވެ. ތައުލީމީ
ދާއިރާގެ ތަރައްގީއަށްޓަކައި މިހާރު ކުރަމުންގެންދާ ބުރަ މަސައްކަތުގެ އިތުރުން
ގޮންޖެހުން ބޮޑު މަސައްކަތްތަކެއްވެސް އެޑިއުކޭޝަން މިނިސްޓްރީން ކުރަމުންގެންދެއެވެ.
އެގޮތުން މިއަހަރުން ފެށިގެން އާ މަންހަޖަށް ކިޔަވައިދޭން ވަނީ ފަށާފައެވެ. އާ
މަންޖަހާއެކު އެޅި ފިޔަވަޅު ވަރަށް ކާމިޔާބު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.