ޚަބަރު

މިފެށެނީ ތަރައްޤީކުރުމުގެ މުޅިން އާ އަހަރެއް - ރައީސް


މި އަހަރުގެ ތެރޭގައިވެސް، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ، އިޖުތިމާޢީ ޢަދާލަތު ޤާއިމުކޮށް، ރައްޔިތުންނަށް އުފާވެރި އަދި ފާގަތި ދިރިއުޅުމެއް ހޯދައިދިނުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މީލާދީ އައު އަހަރުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ފޮނުއްވެވި ހިތާބުގައެވެ. މިހިތާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މީލާދީ އައު އަހަރުގެ މުނާޞަބަތުގައި ދިވެހި ހުރިހާ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާފައެވެ.

މީލާދީ އައު އަހަރުގެ މުނާޞަބަތުގައި ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ޚިތާބުގައި އެމަނިކުފާނު ވިދާޅުވީ ދިވެހި ރައްޔިތުންގެ އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށްދީ، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތައް، ހަމަހަމަކަމާއި ޢަދުލުވެރިކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް މިއަހަރުވެސް މަސައްކަތްކުރައްވާނެކަމަށެވެ.

"ރައްޔިތުން އުފެއްދި މި ސަރުކާރު، މާތް ﷲގެ ވާގިފުޅާއެކު ދެމިއޮންނާނީ، ފުދުންތެރި އަދި ބާއްޖަވެރި ދިރިއުޅުމަކަށް ރައްޔިތުން ކުރާ އުންމީދުތައް، ޙަޤީޤަތަކަށް ހަދައިދިނުމުގައި. މި އަހަރުގެ ތެރޭގައިވެސް، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ، އިޖުތިމާޢީ ޢަދާލަތު ޤާއިމުކޮށް، ރައްޔިތުންނަށް އުފާވެރި އަދި ފާގަތި ދިރިއުޅުމެއް ހޯދައިދިނުމަށް." ރައީސުލްޖުމްހޫރިއްޔާގެ ޚިތާބުގައި ވިދާޅުވެފައިވެެއެވެ.

ރައީސްގެ ހިތާބުގައި މީލާދީ އާ އަހަރަކާ ކުރިމަތިލާއިރު ދައުލަތް ހިންގުމުގެ ނިޒާމަށް ގެނެވުނު ބޮޑެތި ބަދަލުތަކަށް އަލިއަޅުވާލައްވާފައިވެއެވެ. އަދި މިބަދަލުތަކާ ރައްޔިތުން ކުރިމަތިލާނީ، ރައްޔިތުން ބޭނުންވާ ގޮތަށް، މުޅި ރާއްޖެ ތަރައްޤީ ކުރުމުގެ މުޅިން އައު ފެށުމަކުންކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި އަންހެންނުގެ ހައްގު މަޤާމު އެފަރާތްތަކަށް ކަށަވަރު ވެގެންދާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މީގެ 16 ދުވަސް ކުރިން، އަޅުގަނޑު ތަޞްދީޤުކުރި، ލާމަރުކަޒީ ޤާނޫނު އިޞްލާޙު ކުރުމުގެ ބިލް މިހާރު އެވަނީ ޤާނޫނަކަށް ވެފައި. އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުން، ފުރިހަމަ މާނައިގައި ރާއްޖެ ލާމަރުކަޒީ ވެގެން ދާނެ. ޖަޒީރާވަންތަ ރާއްޖެއެއްގެ ގޮތުގައި، ރާއްޖެ ތަރައްޤީ ކޮށްދިނުމަށް ރައްޔިތުން އެދުނު އެދުމާ އެއްގޮތަށް، އެކަން ކުރުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު، ރައްޔިތުންގެ އަތްމައްޗަށް ދީ، މާލީ ގޮތުންނާއި އިދާރީ ގޮތުން، ކައުންސިލްތަކަށް މިހާރު އެވަނީ ފުރިހަމަ މިނިވަންކަން ދެވިފައި" ރައީސުލް ޖުމްހޫރިއްޔާގެ ޚިތާބުގައި ވިދާޅުވެފައިވެއެވެ.

ރައީސްގެ ހިތާބުގައި މި އަހަރުވެސް ދައުލަތުގެ ކޮންމެ މުއައްސަސާއަކުން، އަދި ދައުލަތުގެ މަޤާމެއްގައި ހުރި ކޮންމެ މީހަކުވެސް ގަދައަޅައި މަސައްކަތް ކުރަންވީ، ރައްޔިތުންގެ މަޞްލަޙަތު އިސްކޮށް، ޤާނޫނުގެ ވެރިކަން ދަމަހައްޓައި، ޞުލްޙަޔާއި އަމާންކަމުގެ މާޙައުލެއްގައި، ތަރައްޤީގެ މުޅިން އައު މަރުޙަލާއަކަށް ރާއްޖެ ގެންގޮސްދިނުމަށްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ ހިތާބުގައި ނިމިގެންދިޔަ 2019 ވަނަ އަހަރަކީ މުޅި ރާއްޖޭގައި ޞުލްޙަވެރިކަން ޤާއިމުކުރެވުނު އަހަރެއްކަމުގައި ރައީސުލް ޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން ސިޔާސީ ދެބަސްވުންތަކާއި އަރައިރުންތަކުން ދުރަށްޖެހި، ޢާއިލީ އަދި އިޖުތިމާޢީ ގުޅުންތަކުން، މުޖުތަމަޢުގައި އުފާވެރިކަން ފަތުރައިލަދިން އަހަރެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ސިފަކުރައްވާފައެވެ. އަދި ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އިޙްތިރާމާއި ޤަދަރު ރާއްޖެއަށް ލިބި، އިޤްތިޞާދީ ގޮތުންވެސް ރާއްޖެ ކަޑައްތުކުރީ ފާގަތި އަދި ފުދުންތެރި ދުވަސްތަކެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ވިދާޅުވެފައެވެ.