ޚަބަރު

2019ވަނަ އަހަރު، މިނިސްޓަރ ޝާހިދު، 80 އަށްވުރެ ގިނަ ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި ރާއްޖެއާއި ބޭރުގެ ޤައުމުތަކާއެކު ޚާރިޖީ ގުޅުން ޤާއިމްކޮށް، ދުނިޔޭގެ ޤައުމުތަކާއެކީގައި މަސައްކަތްކުރާ ޤައުމަކަށް ރާއްޖެ ހެއްދެވުމަށް 2019ވަނަ އަހަރުވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިމަސައްކަތްޕުޅުގައި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުވަނީ ދުނިޔޭގެ އެކި ޤައުމުތަކަށް ވަޑައިގެން އެގައުމުތަކުގެ ވެރިންނާއި، ޚާރިޖީވަޒީރުންނާއި، ސަފީރުންނާ ބައްދަލުކުރައްވައި ރާއްޖެއާ އޮތް ގުޅުން އިތުރަށް ފުޅާކުރެއްވުމަށް މަސައްކަތް ކުރައްވާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި ރާއްޖެއަކީ ދުނިޔޭގެ ޤައުމުތަކާ ގުޅިގެން މަސައްކަތްކުރާ ޤައުމަކަށް ހެއްދެވުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެކެވެ. ސިޔާސީ ގޮތުން ރާއްޖެއާއި ދުނިޔޭގެ އެކި ޤައުމުތަކާއެކުއޮތް ގާތް އެކުވެރި ގުޅުން ނިމިދިޔަ ވެރިކަމުގެ ކުޑަވެ ހީނަރުވެފައިއޮތުމަކީ މިސަރުކަރަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ. ރާއްޖެއަކީ ޒަމާނުއްސުރެ އަވަށްޓެރި ޤައުމުތަކާ ގާތްގުޅުމެއް ބާއްވައި ހަރުދަނާ ޚާރިޖީ ސިޔާސަތެއް އޮތް ޤައުމަކަށްވާއިރު އެކަން އިޢާދަކުރުމަކީ މިސަރުކާރުން ނުހަނުބޮޑު އިސްކަމެއްދެއްވި ކަމެކެވެ.

ދުނިޔޭގެ ޤައުމުތަކާއި ރައްޖެއާއެކު އޮތް ޚާރިޖީ ގުޅުން އިތުރަށް ފުޅާކޮށް ބަދަހިކުރެއްވުމަށް އެންމެ މުހިންމު މަސައްކަތްޕުޅެއް ކުރެއްވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ. އެމަނިކުފަނުވަނީ މެދުކެނޑުމެއްނެތި ދުނިޔޭގެ އެކި ޤައުމުތަކާއި އަވަށްޓެރި ގައުމުތަކާއިއެކު އޮތް ގުޅުން ރަނގަޅުކޮށް ރާއްޖޭގެ ރައްޔިތުންނަށް ދުނިޔޭގެ އެކިގައުމުތަކަށް ދަތުރުފަރުކުރުމާއި، އެގައުމުތަކުގައި ދިރިއުޅެވޭނެ ލުއިގޮތްތަކެއް ފަހިކޮށްދެއްވާފައެވެ.

ރާއްޖޭގެ ޚާރިޖީ ގުޅުން ހަރުދަނާކޮށް ރަނގަޅުކުރުމަށްޓަކައި ފޮރިން މިނިސްޓަރ ވަނީ 2019ވަނަ އަހަރުގައި ދުނިޔޭގެ 11 ޤައުމެއްގެ ރައީސުންނާއި، އަދި 13 ޤައުމެއްގެ ބޮޑުވަޒީރުންނާއި ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން 39 ޤައުމެއްގެ ޚަރިޖީ ވަޒީރުންނާއި، 56 ޤައުމެއްގެ ސަފީރުންނާ އެމަނިކުފާނުވަނީ ބައްދަލުކުރައްވާފައެވެ.

މިބައްދަލިވުންތަކުގައި މިނިސްޓަރ ޝާހިދުވަނީ ނަތީޖާ ނެރެދެއްވައި ދިވެހިންނަށް ލުއިފަސޭހަ އެތަކެއް ގޮތްތަކެއް ފަހިކުރައްވާފައެވެ. މި ދަތުރުފުޅުތަކުން ވިސާއާ ނުލައި ދިވެހިރައްޔިތުންނަށް ދުނިޔޭގެ 4 ޤައުމަކަށް ދަތުރުކުރެވޭ ގޮތްވަނީ ފަހިކޮށްދެއްވާފައެވެ. އެޤައުމުތަކަކީ ރަޝީޔާ، ތައިލެންޑް، ޔޫއޭއީ އަދި މޮރޮކޯއެވެ.

ދިވެހިން އެންމެ ގިނައިން ގޮސްއުޅޭ ދެޤައުމުކަމުގައިވާ އިންޑިޔާއާއި ސްރީލަންކާއިން ދިވެހިރައްޔިތުންނަށް ވިސާގެ ގިނަ ލުއިތަކެއްވަނީ ހަމަޖެހިފައެވެ. 12000 ވުރެ ގިނަ ދިވެހިން ދިރިއުޅެމުންދާ ސްރީލަންކާއިން އޮންއެރައިވަލް 90 ދުވަހުގެ ވިސާ ވަނީ ހަމަޖެހިފައެވެ. 18 ނުފުރޭ ދިވެހި ދަރިވަރުންނަށް ކިޔަވަން ސްރީލަންކާގައި ހޭދަކުރާ މުއްދަތުގައި މަންމައާއި ބައްޕައާއި، މާމައާއި ކާފަޔަށްވެސް ވިސާ ލިބޭނެ ގޮތްވަނީ ފަހިކޮށްދީފައެވެ.

އަވަށްޓެރި އިންޑިޔާއިން ޓުވަރިޒަމާއި، ބޭސްފަރުވާއާއި، ވިޔަފާރިއާއި ގުޅޭ ދަތުރުތަކަށް ކޮންމެ 6 މަހަކުން 3 މަސްދުވަހު ވިސާއާއި ނުލައި ދަތުރުކުރެވޭނެ ގޮތްވަނީ ހަމަޖެހިފައެވެ. ދިގުމުއްދަތަށް ބޭސްފަރުވާ ކުރަންޖެހޭ މީހުން އެންމެ ގިނަވެގެން 3 މަސް ނުވަތަ ހާލަތަށްބަލައި 1 އަހަރު ދުވަހައި ހަމަޔަށް ރާއްޖޭގައި ހުންނަ އިންދިޔާ އެންބަސީން ވިސާދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އިންޑިޔާއަކީ އެންމެ ގިނައިން ރާއްޖޭގެ ރައްޔިތުން ބޭސްފަރުވާއާއި ތައުލީމުގެ ފުރުސަތު ހޯދާ އެއްގައުމަށްވާއިރު ވިސާގެ ލުއިތަކާއިއެެކު އިންޑިޔާއިން ޚިދުމަތްހޯދާ ދިވެހިރައްޔިތުންނަށް އެތައް ފަސޭހަތަކެއް ވަނީ ލިބިގެންގޮސްފައެވެ.

ޚާރިޖީ ދާއިރާގެ މަސައްކަތް ހަލުވިކޮށް ކުރެެވުނު މަސައްކަތްތަކުން ބޭނުންވި އެތައް ނަތީޖާއަކާއިހަމަޔަށް ވަނީ ވާސިލްވެފައެވެ. 2019ވަނައަހަރު އަވަށްޓެރި ޤައުމުތަކާ ރަހުމަތްތެރިކަން އިޔާދަކުރެވި ބައެއް ޤައުމުތަކާ ގުޅުން ބަދަހިވުމުގެ ސަބަބުން ޤައުމުތަކުން ހިލޭ އެހީގެ ގޮތުގައި 3.21 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.