ދީން

މަތިމަރަދޫގައި މިސްކިތެއް ބިނާކުރުމަށް ބަޔަކާ ޙަވާލުކޮށްފި


ލ.ގަމު މަތިމަރަދޫގައި މިސްކިތެއް ބިނާކުރުމަށް އަމިއްލަ ކުންފުންޏަކާ ޙަވާލުކޮށްފިއެވެ.

މި މިސްކިތް ބިނާކުރުމަށް ޙަވާލުކޮށްފައިވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެކަމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަހްމަދު ޒާހިރު ޢަލީއެވެ. އަދި އަފާމީ މޯލްޑިވްސްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަމީން މުޙައްމަދެވެ.

500 މީހުންގެ ޖާގައިގެ މި މިސްކިތަކީ ޒަކާތު ފަންޑުން ޚަރަދުކޮށްގެން ޢިމާރާތްކުރާ ދެވަނަ މިސްކިތެވެ. މިމިސްކިތް އެޅުމަށް 4.9 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ، މި މިސްކިތަކީ މަތިމަރަދޫ ރައްޔިތުންނަށް މިސްކިތަކަށް ވަރަށް ބޮޑަށް ބޭނުންވެފައިވާތީ ޢިމާރާތްކުރާ މިސްކިތެއްކަމަށެވެ. އަދި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މިމަސައްކަތް އެއްކޮށް ނިންމައިދެއްވުމަށް ކޮންޓްރެކްޓަރގެ ކިބައިން މިނިސްޓަރ އެދިވަޑައިގަތެވެ.

ލ.ޤަމު މަތިމަރަދޫގައި މިސްކިތެއް ބިނާކުރުމަށް އަފާމީ މޯލްޑިވްސްއާއި ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.