ދީން

ލައިލަތުލް ގަދުރިވިލޭރޭ ހޯދުމަށް ގަދައަޅާ މަސައްކަތްކުރުން


ރަމަޟާންމަހުގެ ފަހުދިހައިގެ ކޮންމެ ރެޔަކީވެސް ލައިލަތުލް ގަދުރިވިލޭރޭކަމަށްބަލާ، އެރޭ ހޯދުމަށް ގަދައަޅާ މަސައްކަތްކުރުމަށް ދީނީ އިލްމުވެރިއެއްކަމަށްވާ ފަޟީލަތުއްޝައިޙް މުއިޒު ބުޚާރީ ގޮވާލައްވައިފިއެވެ.ޝައިހް މިކަމަށް ގޮވާލެއްވީ ރަމަޟާންމަހުގެ ރޭތައް އިހްޔާކުރުމަށް ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.ރޭ އިޙްޔާ ފޯރަމް ޚައްސަކޮށްފައިވާ މަޢުޟޫއަކީ "ލައިލަތުލް ގަދުރިވިލޭރޭގެ މާތްކަން" މިމައުޟޫއެވެ.ޝެއިހް މުއިޒު ވިދާޅުވީ، ރަމަޟާންމަހުގެ ކޮންމެ ރެޔެކީވެސް ލައިލަތުލް ގަދުރިވިލޭރޭކަމަށް ބަލައި، ޚާއްސަކޮށް ފަހުދިހާގައި މަސައްކަތްކޮށްފި މީހަކަށް އެރޭގެ މަތިވެރިކަން ލިބުމުގެ ނަސީބު ލިބިގެންދާނެކަމަށެވެ. އެގޮތުން ފަހު ދިހައިގެ ކޮންމެ ރެޔަކު ނަމާދުކުރުން ގިނަކުރުމަށާއި، ދިގުކޮށް ނަމާދުކުރުމަށާއި، ގިނައިން ޤުރުއާންކިޔަވާ ދުޢާ ކުރުމަށް ޝެއިހް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރެއްވިއެވެ.މީގެ އިތުރުން ޝައިޙް މުއިޒް ބުޚާރީ ވިދާޅުވީ، ޤުރުއާން ކިޔަވާއިރުވެސް ގްރުއާންގެ އާޔަތްތަކަށް ވިސްނާ ފިކުރުކުރަމުން ކިޔެވުން މުހިންމު ކަމަށެވެ. އަދި މާނަ ނޭނގޭނަމަ ޤްރުއާނުގެ ތަރުޖަމާ ބަލައިގެން ކިޔެވުމަށްވެސް ވިދާޅުވިއެވެ.ޝެއިހްގެ ވާހަކާގައި ލައިލަތުލް ގަދުރިވިލޭރޭގެ މާތްކަމާއި، އެރޭގެ ފާހަގަކުރެވޭނެ ގޮތުގެ ތަފްސީލަށް ބައްލަވާލެއްވިއެވެ.ޝެއިހް ވިދާޅުވީ، ލައިލަތުން ގަދުރި ވިލޭރޭގެ ހަނދު ވަރަށް ސާފުވާނެކަމަށާއި، އެރެޔަކީ ވަރަށް މަޑުމައިތިރި ރެއެއްކަމަށެވެ. އަދި އެރޭ އިރުއަރާއިރު ހުންނާނީ އަވި މަޑުކޮށްކަމަށާއި، އިލްމުވެރިން ބޮޑަށް ބުރަވަނީ ފަހުދިހާގެ އޮނަހިރި ރޭތަކަށްކަމަށް ޝައިހް މުއިޒް ބުޚާރީގެ ވާހަކާގައި ވިދާޅުވިއެވެ.ރަމަޟާންމަސް ނިމުމަށް އަދި ދުވަސްކޮޅެއް އޮތްކަން ފާހަގަކުރައްވާ ޝައިހް ވަނީ، މިމައްސަރުގެ ބޭނުން ވީހާވެސް ހެޔޮގޮތުގައި ހިފުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.