މަސްތުވާތަކެތީގެ 2 މައްސަލައެއްގައި ހިމެނޭ ބަންގްލަދޭޝް 2 މީހަކު ޕާސްޕޯޓް ހިފެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވަނިކޮށް އެދެމީހުން ފުރުވާލި މައްސަލަ ތަޚްޤީޤްކޮށްދެއްވުމަށް ނޭޝަނަލް އިންޓަރގްރީކޮމިޝަނަށް ޕީޖީއޮފީހުން ހުށަހަޅައިފި.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ތަޚްޤީގުކުރުމަށް ހުށަހެޅި މިމައްސަލާގައި ހިމެނޭ ދެމީހުންނަކީ ކްރިމިނަލްކޯޓްގައި އޮތް މަސްތުވާތަކެތި އެތެރެކުރުމުގެ 2 މައްސަލައެއްގައި ހިނެނޭ ދެމީހުން. ނަމަވެސް މިމީހުން ފުރުވާލާފައިވަނީ ކޮންއިރަކުކަމެއް ޕީޖީއޮފީހުން ހާމަކޮށްފައިނުވޭ.
މިއީ ދައުލަތުގެ މުވައްސަސާއެއްގެ މައްޗަށް ތަޚްޤީޤެއް ހިންގައި ދެއްވުންއެދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ހުށަހެޅި ފުރުތަމަ ފަހަރު. ޕީޖީ އޮފީހުން ބުނެފައިވަނީ ޤާނޫނު އަސާސީއާއި ޤާނޫނުގައިވާ ގޮތުގެ މަތީން ދައުލަތުގެ ތަންފީޒީ އިދާރާތަކުގެ މަސައްކަތްތަކަށް އިތުރަށް ފާރަވެރިވާނެކަމަށް. މިމައްސަލާގައި އިމިގްރޭޝަނުން އަދި ވަކިއެއްޗެއް ހާމަކޮށްފައިނުވޭ.
ރާވައިގެން މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރާފަރާތްތަކާއި ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް ސަރުކާރުން ދަނީ އަޅަމުން. ނަމަވެސް ޤާނޫނު ތަންފީޒުކުރުމުގައި ބައެއްފަރާތްތަކުން އިޚްމާލުވުމުގެ ސަބަބުން މިފަދަ ބައެއް މައްސަލަތައް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގޮސްފައިނުވޭ.
ޕީޖީއޮފީހުން ބުނެފައިވަނީ މިފަދަ ކަންކަމުގައި އެއޮފީހުން އަޅަންޖެހޭ ފިޔަވަޅު އަޅައި އިހުމާލުވާ ފަރާތްތަކާއިމެދު ކަމާއިބެހޭ އިދާރާތައް މެދުވެރިކޮށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް އެދެމުންދާނެކަމަށް.