ޚަބަރު

ބައެއް ގޭބިސީތަކުން ފީ ނުދެއްކުމުގެ ސަބަބުން 30 މިލިއަން ރުފިޔާގެ ގެއްލުންވެފައިވޭ - ވެމްކޯ


މާލޭ ގޭބިސީތަކުން ކުނިއުކާލުމަށް ފީ ނުދެއްކުމުގެ ސަބަބުން 30 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯއިން ހާމަކުރައްވައިފިއެވެ. ވެމްކޯއިން ދަނީ އެ ކުންފުނީގެ ޚިދުމަތްތައް ހަރުދަނާކުރުމަށް ގިނަ މަސައްކަތްކުރަމުންނެވެ.

މާލޭގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯއިން ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ޙިއްސާކުރައްވަމުން އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އާދަމް މުޙައްމަދު ވަނީ މާލޭގައި މިހާރުވެސް 14 ހާހެއްހައި ގޭބިސީ، ކުނި ނެގުމަށް ރަޖިސްޓަރ ނުވެ އެބައޮތްކަމަށް ވިދާޅުވެފައެވެ. ވެމްކޯގައި މިހާރު ރެޖިސްޓަރ ވެފައިވަނީ ނަވާރަ ހާހެއްހާ ގޭބިސީކަމަށާއި، މީގެ ތެރެއިން ޤަވައިދުން ބިލުދައްކަނީ ދިހަ ހާހެއްހައި ގޭބިސީކަން ވެމްކޯގެ މެނޭޖިންގް ޑިރެކްޓަރ ވިދާޅުވިއެވެ.

ބާކީ ހުރި ނުވަހާހެއްހާ ގޭބިސީއިން ފީ ދެއްކުމުގައި އިހުމާލުވެފައިވާއިރު، މިއަދާއި ހަމައަށް ކުންފުންޏަށް 30 މިލިއަން ރުފިޔާ ކުނި ނެގުމުގެ ފީގެ ގޮތުގައި ލިބިފައިނުވާކަމަށް ވެމްކޯގެ އާދަމް މުޙައްމަދު ވިދާޅުވިއެވެ. މިފައިސާ ހޯދުމަށް ބިލް ނުދައްކާ ފަރާތްތަކަށް ދޭ ޚިދުމަތް މެދުކަނޑާލަމުންދާކަން ވެމްކޯގެ މެނޭޖިންގް ޑިރެއކްޓަރ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު މަޤާމާއި ހަވާލުވިއިރު ބިލު ނުދެއްކުމުން 25 މިލިއަން ރުފިޔާ އަރާ. މިހާރު މިއަދަދު މިހާރު 30 މިލިއަންއަށް އަރާ. މި ކަމުގައި އަޅުގަނޑުމެން މިދަނީ ޚިދުމަތް ސަސްޕެންޑް ކުރަމުން. މިކަމުގެ ސަބަބުން ބައެއް ފަރާތްތަކުން ބިލް ޕޭކުރަމުންދާކަން ފާހަގަކޮށްލަން." އާދަމް މުހައްމަދު ވިދާޅުވިއެވެ.

ވެމްކޯގެ މެނޭޖިންގް ޑިރެކްޓަރ އާދަމް މުހައްމަދު ވަނީ މި ސަރުކާރު ވެރިކަމަށް އައިފަހުން ކުންފުނީގެ ހިންގުމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އައިސްފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ގިނަ ޢަދަދެއްގެ ޕޭމަންޓް އޯޑަރުތަކާއި ކުންފުނީގެ ޚިދުމަތްތައް ބޮއްސުން ލާފައިވާއިރު، އައު މެނޭޖްމެންޓުން ކުންފުންޏާ ޙަވާލުވެ މިމައްސަލަހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. އެގޮތުން ގޭބިސީތަކުން ކުނިނެގުމުގެ ނިޒާމާއި ތިލަފުށީ ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރެވިފައއިވާއިރު މި މަސައްކަތުގެ ހެޔޮ ބަދަލު ކުންފުޏަށް އަންނަ ޝަކުވާގެ ޢަދަދަށް އައި ބަދަލުން ހާމަވާކަމަށެވެ.

"އަޅުގނޑު މަޤާމާއި ހަވާލުވިއިރު ދުވާލެއްގެ މައްޗަށް 500 ކޮމްޕްލެއިން ލިބޭއިރު، މިހާރު ދުވާލަކަށް ލިބެނީ 75 ވަރަކަށް ކޮމްޕްލެއިން. މިއީ ބޮޑު އޗީވްމެންޓެއް، އަދި އަޅުގަނޑުމެން ރައްޔިތުންނާއި ސޯޝަލް މީޑިއާގެ ޒަރިއްޔާއިންވެސް އިންޓަރެކްޓްކުރަން." އާދަމް މުޙައްމަދު ވިދާޅުވިއެވެ.

ވެމްކޯގެ މެނޭޖިންގް ޑިރެކްޓަރ އާދަމް މުހައްމަދު ވަނީ ކުންފުނީގައި ދިވެހި މުވައްޒަފުން އިތުރުކުރުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރަމުންނެވެ. އެގޮތުން ސޯޅަ ސަތޭކައެއްހާ މުއްޒަފުން ކުންފުނީގައި މިހާރު މަސައްކަތްކުރަމުންދާއިރު، މީގެ ތެރެއިން ސާދަ ސަތޭކަ މުއައްޒަފުންނަކީ ދިވެހިންނެވެ.