ކުޅިވަރު

އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް: މުލިމަތި ޔުނައިޓެޑްއިން ގޯދީއްޔާ އެންޖީއޯގެ މައްޗަށް ކުރި ހޯދައިފި


އައްޑޫ ފުޓުބޯޅަ މުބާރާތުގައި މުލިމަތި ޔުނައިޓެޑްއިން ގޯދީއްޔާ އެންޖީއޯ ބަލިކޮށް ފެށުން ރަނގަޅުކޮށްފިއެވެ.

އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމުގައި ކުރިޔަށްދާ މި މުބާރާތުގެ 3 ވަނަ މެޗު މުލިމަތި ކާމިޔާބުކުރީ ހަތަރެއް ތިނަކުންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖެހީ ގޯދީއްޔާއިންނެވެ. އެޓީމަށް އެލަނޑު ކާމިޔާބުކޮށްދިނީ އާދަމް ނަސީމްއެވެ. މުލިމަތީ ފުރަތަމަ ލަނޑު ޖަހައި އެއްވަރުކޮށްދިނީ އަހުމަދު ސަބާހްއެވެ. މުލިމަތީގެ އަހުމަދު ފަރުހާދު މުލިމައްޗަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދިންއިރު ލީޑް ފުޅާކޮށްދިނީ، ރަޔާން މުއްސަދު މަންސޫރެއެވެ.
މިލަނޑަކީ ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރި ލަނޑެކެއެވެ.

އޭގެ މިނެޓެއް ފަހުން ގޯދިޔާއިން ވަނީ ލަނޑެއް ޖަހައި އުއްމީދު އައުކޮށްފައެވެ. ނަމަވެސް ގޯދިއްޔާގެ ކުޅުންތެރިން އަތުން ހެދުނު ގޯސްތަކުގެ ފައިދާ ނަގައި އިތުރު ގޯލެއް ޖަހައި މުލިމަތިން ހަތަރެއް ދޭކަށް ނަތިޖާ ބަދަލުކޮށްލިއެވެ. ދެވަނަ ހާފުގައި ގޯދީއްޔާ ތިންވަނަ ލަނޑު ޖަހައިދިނީ އަތޫން އިބްރާހީމް ރަޝީދުއެވެ.

މެޗަށް ފަހު ވާހަކަ ދައްކަވަމުން މުލިމަތި ޔުނައިޓެޑް ކޯޗު ހުސެއިން ދީދީ ބުނީ، މިމެޗަށް އެރީ ކުރީ މެޗުގެ މިސްޓޭކްސް ނަހަދާ، މޮޅުވުމުގެ އުއްމީދުގައިކަމަށާއި، ފުރަތަމަ މެޗުގައި ގިނަ ގޯލްވަނީ ގިނަ ގޯސްތަކެއް ހެދިގެންކަމަށެވެ.

ގޯދީއްޔާ އެންޖީއޯގެ އެސިސްޓެންޓް ކޯޗު އިބްރާހިމް ނަޒްމީ ބުނީ މި މެޗު ކުޅުނީ މާބޮޑު ޕްރެކްޓިސް އެއް ނެތި ކަމަށާއި، ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވުނީ ޕްރެކްޓިސް މަދުވުމުންކަމަށެވެ. ނަމަވެސް ފަހު ހާފުގައި ޓީމު ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިގެން ކުޅުނު ކަން އޭނާ ފާހަގަކުރިއެވެ.