ޚަބަރު

ފުށިދިއްގަރު ފަޅު މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށައަޅައިފި


ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑުން ދިވެހި ސަރުކާރާ ދެކޮޅަށް ސިންގަޕޯރ އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް މައްސަލައެއް ހުށައަޅައިފިއެވެ.

ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއި، ދިވެހި ސަރުކާރާއި ދެމެދު ކ.ފުށިދިއްގަރު ފަޅު ކުއްޔަށްދީ ތަރައްޤީކުރުމާ ގުޅޭގޮތުން 18 ޖަނަވަރީ 2013 ގައި ސޮއިކޮށްފައިވާ ޖޮއިންޓް ވެންޗަރ އެއްބަސްވުމާ ދިވެހި ސަރުކާރުގެ ފަރާތުން ޚިލާފުވެފައިވާކަމަށް ބުނެ އެ މައްސަލަ ސިންގަޕޯރ އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް މިމަހުގެ 18 ވަނަ ދުވަހު ހުށަހަޅާފައިވާކަން އެ ކުންފުނިން ދިވެހި ސަރުކާރަށް އަންގާފައިވާކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވެއެވެ.

މި މައްސަލައަކީ ކ.ފުށިދިއްގަރު ފަޅު ކުއްޔަށްދީ އެ ފަޅުގައި 27 ރަށެއް ހިއްކުމަށާއި އެ ރަށްތައް ހޮޓާ ނުވަތަ ރެސިޑެންޝަލް އިމާރާތް ނުވަތަ އޮފީސް ޢިމާރާތް ތަރައްޤީކުރުމަށް ސަބް-ލީސް ކުރުމަށް އެ ކުންފުންޏާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ ޖޮއިންޓް ވެންޗަރ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފުށިދިއްގަރު ފަޅު ސަރުކާރުން އެފަރާތަށް ދޫކޮށްފައި ނުވާތީ ހުށަހަޅާފައިވާ މައްސަލައެކެވެ.

މި މައްސަލައާ ގުޅިގެން އެކުންފުންޏަށް ލިބިފައިވާ ގެއްލުމުގެ ބަދަލާއި އާބިޓްރޭޝަންގެ ޚަރަދުތައް ހޯދުމަށް ވަނީ އެދިފައިކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވެއެވެ. އާބިޓްރޭޝަނަށް ހުށަހެޅިފައިވާ މިމައްސަލައާ ގުޅޭ އެންމެހައި ކަންކަމުގެ ސިއްރު ހިފެހެއްޓުން ސަރުކާރުގެ މައްޗަށް ލާޒިމްވާކަމަށާއި، އާބިޓްރޭޝަނާ ގުޅޭ އިތުރު މަޢުލޫމާތު ހާމަކުރުމަކީ ސަރުކާރާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ފުރުޞަތު އާބިޓްރޭޝަން ޓްރައިބިއުނަލަށް ލިބިދޭ ކަމެއްކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.