ވިޔަފާރި

ރަޖިސްޓްރީނުކޮށް މުދާ އެތެރެކޮށް، ބޭރުކުރާނަމަ ފީ ނަގަން ނިންމައިފި


ކަސްޓަމްސްގައި ރަޖިސްޓްރީނުކޮށް މުދާ އެތެރެކޮށް ބޭރުކުރާނަމަ ޕްރޮސެސިންގ ފީ ނަގާގޮތަށް ކަސްޓަމްސްއިން ހަމަޖައްސައިފިއެވެ.

ކަސްޓަމްސްއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ޤަވާއިދުގެ ދަށުން ރަޖިސްޓްރީކުރުން އިސްތިސްނާ ލިބިފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކުން ކަސްޓަމްސްގައި ރަޖިސްޓަރީނުކޮށް، މުދާ އިމްޕޯޓްކުރަން ނުވަތަ އެކްސްޕޯޓްކުރަން ނުވަތަ ރީ- އެކްސްޕޯޓްކުރަން އުޅެފިނަމަ ޕްރޮސެސިންގ ފީއެއް ނަގާނެކަމަށެވެ.

ޕްރޮސެސިންގ ފީގެ ގޮތުގައި ނަގާނީ ޑިކްލަރޭޝަންގައިވާ މުދަލަށް ކަސްޓަމްސްއިން ކަނޑައަޅާ ސީ.އައި.އެފް އަގުގެ ދިހައެއް އިންސައްތަކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ. ޕްރޮސެސިންގ ފީ ނެގޭނީ ކޮމާޝަލް ކްއެންޓިޓީގެ ގޮތުގައި ބެލެވޭ ތަކެއްޗަށްކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ޕްރޮސެސިންގ ފީ ނެގޭ ޙާލަތުގައި ރެވެނިއު ސްޓޭމްޕް ފީ ދައްކާކަށް ނުޖެހޭނެކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ. އަދި ގެދޮރު ޢިމާރާތްކުރުމަށާ، އޮޑިދޯނިފަހަރު ބަނުމަށް އަމިއްލަ ފަރާތްތަކުން އެފަރާތްތަކުގެ ނަމުގައި ކަސްޓަމްސްގައި ރަޖިސްޓަރީނުކޮށް މުދާ އެތެރެކުރާ ޙާލަތުގައިވެސް ޕްރޮސެސިންގ ފީ ދައްކާކަށް ނުޖެހޭނެއެވެ. ނަމަވެސް އެފަރާތްތަކުން ރެވެނިއު ސްޓޭމްޕްގެ އަގަށްވާ ފައިސާ ދައްކަންޖެހޭނެކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.

މި ޤަވާއިދަށް އަމަލުކުރަން ފަށާނީ އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.