އަތޮޅުތައް

މީދޫ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި


މާޅޮސްމަޑުލު އުތުރުބުރީ މީދޫ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ އަމަލީ މަސައްކަތް އެމް ޑަބްލު އެސް ސީން ފަށައިފިއެވެ.މިހާރު މީދޫގައި މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް ހޮޅިލައިން އަޅައިގެން ގްރެވިޓީކޮށް ޤާއިމުކުރާ މި ނިޒާމު ހިންގުމަށް ރަށުގެ ތިން ސަރަހައްދެއްގައި ޕަންޕް ސްޓޭޝަން ހުންނާނެކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެއެވެ.ފަހަކަށްއައިސް މީދޫގައި މީހުންދިރިއުޅޭ ސަރަހައްދު ފުޅާވެފައިވާކަމަށާއި، އެހެންވެ ކައުންސިލުން ދޫކޮށްފައިވާ ކޮންމެ ގެވަޅަކަށްވެސް ނަރުދަމާގެ ކޮޅު އެޅުމަށް މަސައްކަތްކުރާކަމަށް މީދޫ ކައުންސިލުން މައުލޫމާތުދެއެވެ.ފަންސާސް އަށް މިލިޔަން ރުފިޔާއަށްވުރެ ބޮޑު މި ޕްރޮޖެކްޓްގެ މަސައްކަތް ފަށާފައިވާއިރު، މަސައްކަތް ނިންމުމަށް ކޮންޓްރެކްޓް ކުރެވިފައިވަނީ މިއަހަރުގެ ނިޔަލަށެވެ.މީދޫގައި ނަރުދަމާ ނިޒާމު ޤާއިމުކުމުގެ މަސައްކަތް ފަށާފައިވާއިރު، މަޑުއްވަރީގައިވެސްދަނީ ނަރުދަމާ ނިޒާމު ޤާއިމުކުރަމުންނެވެ. އަދި އަލިފުށްޓާއި އިނގުރައިދޫއާ ހުޅުދުއްފާރުގައިވެސް ނަރުދަމާ ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ކިނޮޅަހުގެ ނަރުދަމާ ވިއުގަޔަށް ބޭނުންވާ ބައެއް ތަކެތިވެސްވަނީ އެރަށަށް ޖަމާކޮށްފައެވެ.މިހާތަނަށް ރ. އަތޮޅުގައި ނަރުދަމާ ނިޒާމު ޤާއިމުކޮށްފައިވަނީ ހަމަ އެކަނި ދުވާފަރާއި އުނގޫފާރުގައެވެ.