އަތޮޅުތައް

ފެހެންދޫގެ ކަރަންޓް ކޭބަލް ނެޓްވޯކް އައުކުރަނީ


މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫގެ ކަރަންޓް ކޭބަލް ނެޓްވޯކް އައުކުރުމަށްޓަކައި އެރަށުގައި ކޭބަލް ވަޅުލުމުގެ މަސައްކަތް ފަށައިފިއެވެ.ފެހެންދޫ ކައުންސިލުން ބުނީ މިދިޔަ ހަފްތާ ތެރޭގައި އަމިއްލަ ބަޔަކާ ހަވާލުކޮށްގެން ފެނަކަ ކޯޕަރޭޝަނުން ކުރިޔަށްގެންދާ މިމަސައްކަތުގެ ދަށުން އެރަށުގެ މައި ކޭބަލް ނެޓްވޯކް މުޅިން ބަދަލުކޮށް ޑިސްޓްރިބިއުޝަން ފޮށިތައްވެސް އާކުރުމަށް ހަމަޖެހިފައިވާކަމުގައެވެ.ފެހެންދޫ ކައުންސިލްގެ ރައީސް މޫސާ ނަސީމް ވިދާޅުވީ ނުވަސަތޭކަ ފޫޓް ދިގު މައިކޭބަލް ވަޅުލައި، ތޭރަ ޑިސްޓްރިބިއުޝަން ފޮށި ބަހައްޓައި މިމަހުގެތެރޭގައި ނިމޭވަރުވާނޭ ކަމުގައެވެ.ފެނަކަ ކޯޕަރޭޝަނާ ހަވާލަދެއްވައި މޫސަ ވިދާޅުވީ އާނެޓްވޯކް ބޭނުންކުރަން ފެށުމުން އެރަށުގައި މިހާރުދިމާވާ ކަރަންޓް ވޯލްޓޭޖް ދަށްވާ މައްސަލައާއި، ކަރަންޓް ކެނޑުމުގެ މައްސަލައަށް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި މިމަސައްކަތް ނިމުމާއެކު އެރަށުގައި އާއިންޖީނުގެއެއް އެޅުމުގެ މަސައްކަތްވެސް ލަސްނުވެ ފަށައިގަނެވޭވަރުވާނޭކަމަށް މޫސަ ވިދާޅުވިއެވެ.ފެހެންދޫގެ ކަރަންޓް ހިދްމަތުގެ ފެންވަރު ރަނގަޅުކުރުމަށް ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެރަށުގައި މިދިޔަ އަހަރުވަނީ ފަންސާސް ކިލޯވޮޓްގެ އާއިންޖީނެއްވެސް ބަހައްޓާފައެވެ.ރަސްމީ ރަޖިސްޓްރީގައި ތިންސަތޭކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ނަމަވެސް ސަތޭކައެއްހާ މީހުން މިވަގުތު ދިރިއުޅެމުންދާ ފެހެންދޫއަކީ ބ. އަތޮޅުގެ އެންމެ އާބާދީ މަދުރަށެވެ.