ވިޔަފާރި

ބީޕީޓީއަށް މުޅިން އަލަށް 1123 ވިޔަފާރި ރަޖިސްޓްރީކޮށްފި


މިއަހަރުގެ 3 ވަނަ ކުއާޓަރު ނިމުނުއިރު ބިޒްނަސް ޕްރޮފިޓް ޓެކްސްއަށް މުޅިން އަލަށް 1123 ފަރާތެއް ރަޖިސްޓްރީކޮށްފައިވާކަމަށް މީރާއިން ހާމަކޮށްފިއެވެ.

ބިޒްނަސް ޕްރޮފިޓް ޓެކްސް ނުވަތަ ބީ.ޕީ.ޓީއަކީ ދިވެހިރާއްޖޭގައި ހިންގާ އެންމެހާ ވިޔަފާރިތަކުގެ ފައިދާއިން ނެގޭ ޓެކްސްއެކެވެ. މީރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ 3 ވަނަ ކުއަރޓަރ ފެށުނުއިރު 36571 ވިޔަފާރި ވަނީ ބީ.ޕީ.ޓީއަށް ރަޖިސްޓްރީކޮށްފައެވެ.

މިއަހަރުގެ 3 ވަނަ ކުއަރޓަރުގައި ބީ.ޕީ.ޓީއަށް މުޅިން އަލަށް 1123 ފަރާތެއް ވަނީ ރަޖިސްޓްރީކޮށްފައެވެ. އަދި 98 ވިޔަފާރިއެއް ރަޖިސްޓްރީން އުނިކޮށްފައިވާކަމަށް މީރާއިން ވިދާޅުވެއެވެ. އެހެންކަމުން މިއަހަރުގެ 3 ވަނަ ކުއާޓަރ ނިމުނުއިރު ބީ.ޕީ.ޓީއަށް ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކުގެ ޖުމްލަ އަދަދަކީ 37596 ވިޔަފާރިއެވެ.

ބީ.ޕީ.ޓީ އަކީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ކުރާ އެންމެހާ ވިޔަފާރިތަކުގެ ފައިދާއިން ނެގޭ ޓެކްސްއެކެވެ. ކުންފުނިތަކާއި ޕާޓްނަރޝިޕްތަކާއި ވަކި ފަރުދުން އަދި ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ނުވަތަ ދިވެހިރާއްޖޭގައި ވިޔަފާރިކުރާ އެންމެހައި ފަރާތަކަކުން މި ޤާނޫނުގެ ދަށުން ޓެކްސް ދައްކަންޖެހެއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތަކަށް ދައްކާ ބައެއް ފައިސާއިންވެސް މި ޤާނޫނުގެ ދަށުން ޓެކްސް ދައްކަންޖެހެއެވެ.

މިއަހަރުގެ ޖެނުއަރީމަހުން ނޮވެމްބަރމަހުގެ ނިޔަލަށް ބީޕީޓީގެ ގޮތުގައި މީރާއަށް 2.8 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތުގައި ބީޕީޓީގެ ގޮތުގައި މީރާއިން ބަލައިގަނެފައިވަނީ 2.6 ބިލިއަން ރުފިޔާއެވެ.