ވިޔަފާރި

އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސްއިން


މިއަހަރުގެ މިހާތަނަށް ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސްއިންކަމަށް ދައުލަތުގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސްއިން ޢާއްމުކޮށްފައިވާ މާލީ ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 22.3 ބިލިއަން ރުފިޔާއެވެ. އޭގެ ތެރޭގައި ހިމެނެނީ އެކި ކަހަލަ ޓެކްސްގެ ގޮތުގައި ލިބިފައިވާ 15.4 ބިލިއަން ރުފިޔާއާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ 5.8 ބިލިއަން ރުފިޔާއެވެ.

ޓެކްސްގެ ގޮތުގައި ދައުލަތަށް 15.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ އެންމެ ބޮޑު ބައެއް ޙިއްސާކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސްއެވެ. އެއީ 7.1 ބިލިއަން ރުފިޔާއެވެ. އޭގެ ތެރޭގައި ފަތުރުވެރިންނަށް ދިން ޚިދުމަތާއި ވިއްކި މުދަލުން ލިބުނު 4.5 ބިލިއަން ރުފިޔާއާއި އާއްމުންގެ އަތުން ޖީއެސްޓީގެ ގޮތުގައި ނަގާފައިވާ 2.6 ބިލިއަން ރުފިޔާ ހިމެނެއެވެ.

އެހެނިހެން ޓެކްސްތަކަށް ބަލާލާއިރު، ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި 3.4 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި އިމްޕޯޓް ޑިއުޓީގެ ގޮތުގައި 3.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު ގްރީން ޓެކްސްގެ ގޮތުގައި 794 މިލިއަން ރުފިޔާ މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވެއެވެ.

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 5.8 ބިލިއަން ރުފިޔާ މިހާތަނަށް ލިބިފައިވާއިރު، އޭގެ ތެރޭގައި އެކިއެކި ފީ އާއި ޗާޖުގެ ގޮތުގައި ލިބިފައިވާ 1.6 ބިލިއަން ރުފިޔާ ހިމެނެއެވެ. އަދި ޕްރޮޕަޓީ އިންކަމްގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އިންޓަރެސްޓްއާއި ޑިވިޑެންޑްގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވެއެވެ.