ވިޔަފާރި

އައްޑޫގައި ފަތުރުވެރިކަން ކުރިއަރާނީ ބައިނަލްއަޤްވާމީ ފްލައިޓްތައް އިތުރުކޮށްގެން - މޭޔަރ


އައްޑޫސިޓީގެ ފަތުރުވެރިކަން ކުރިއެރުވޭނީ ބައިނަލްއަޤްވާމީ ފްލައިޓުތައް އިތުރުކޮށްގެންކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސޯދިޤް ވިދާޅުވީ އައްޑޫ ސިޓީގައި އޮޕަރޭޓްކުރަމުންދާ ރިސޯޓްތަކުގެ އެންމެ ބޮޑު ޝަކުވާއަކީ ބައިނަލްއަޤްވަމީ ފްލައިޓްތައް މަދުވުންކަމަށެވެ. އެގޮތުން މިހާރުވެސް ގަމަށް އޮޕަރޭޓްކުރާ ސްރީލަންކަން އެއަރލައިންސްގެ ދަތުރުތައް އިތުރުކުރަން އައްޑޫގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން އެދޭކަމަށް މޭޔަރ ވިދާޅުވިއެވެ.

މޭޔަރ ވިދާޅުވީ ސްރީލަންކަންގެ ފްލައިޓްތައް އިތުރު ނުކުރެވެނީވެސް އައްޑޫގައި ފަތުރުވެރިކަމަށް އޮތް ބެޑް ކެޕޭސިޓީ ކުޑަވުމާއި، ރިސޯޓުތަކުން ސްރީލަންކަން އެއާލައިންސްއާ ގުޅިފައި ނެތުމުންކަމަށެވެ.

"އަޅުގަނޑަށް ޔަގީން ސަރުކާރުން ވަރަށް އަވަހަށް ސްރީލަންކަން އާއި މޯލްޑިވިއަންގެ ފްލައިޓުތައް ގުޅުވައިގެން ފުވައްމުލަކާއި، ހުވަދޫ އަތޮޅާއި ލާމުގެ ރިސޯޓުތަކަށް ޓުއަރިސްޓުން ގެންދެވޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވާނެ. އޭރަށް އައްޑޫގެ ރިސޯޓުތައް ސަވައިވް ވާނީ. އަހަރުގެ މިހާތަނަށް އައި އިރުވެސް ރިސޯޓުތަކުގެ އޮކިއުޕެންސީ ހުރީ ދަށުގައި. އެހެންވީމަ އެކަން ރަނގަޅު ވާނީ ފްލައިޓުތައް ޝެޑިއުލް ކުރެވިގެން އިތުރު ފްލައިޓުތައް އައީމަ" ސޯދިޤު ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްމުން އައިލޭންޑް އެވިއޭޝަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ މޫސާ ވަސީމް ވިދާޅުވީ، އައްޑޫއަށް ކުރިން ވެސް 'އޮން ޑިމާންޑް' ފްލައިޓުތައް ދަތުރުކުރި ކަމަށާއި، ނަމަވެސް މިހާރު ޝެޑިއުލް ދަތުރުތައް ފަށާފައިވާކަމަށެވެ. އަދި މޯލްޑިވިއަންއިން ދަތުރުތައް ބާއްވަނީ ރައްޔިތުންނަށް ދޭ ޙިދުމަތެއްގެ ގޮތުގައިކަމަށާއި، މިއީ ވަކި ބަޔަކަށް އާމާޒު ކޮށްގެން ދޭ ޚިދުމަތެއް ނޫންކަމަށެވެ.

ޤައުމީ އެއާލައިން، މޯލްޑިވިއަންއިން އައްޑޫ އާއި ހުވަދޫ އަދި ލ. އަތޮޅާއި ދެމެދު ޝެޑިއުލް ދަތުރުތައް ފެށީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އެގޮތުން ހަފްތާއަކު 3 ފްލައިޓު ގަމުން ކާނޑެއްދޫ އަށް ދާއިރު، 3 ފްލައިޓު ކޫއްޑޫއަށް ދަތުރުކުރެއެވެ. އެއާއި އެކު ޖުމްލަ 6 ފްލައިޓު ހުވަދު އަތޮޅަށް ދަތުރުކުރެއެވެ. މީގެ އިތުރުން ކޮންމެ ދުވަހަކުހެން ލ. ކައްދޫ އާއި ގަމާއި ދޭތެރޭ ފްލައިޓުތައް ބާއްވާނެކަމަށް މޯލްޑިވިއަންއިން މަޢުލޫމާތުދެއެވެ.

މޯލްޑިވިއަންއިން ގަމާއި ހުވަދޫ އަތޮޅާއި، ލ. އަތޮޅު ގުޅާލާ ދަތުރުތައް ފަށާފައިވާއިރު، މޯލްޑިވިއަންގެ ދަތުރުތަކާއި ސްރީލަންކަން އެއަރލައިންސްގެ ދަތުރު ޝެޑިއުލް ދިމާވާ ގޮތަށް ކަންކަން އިންތިޒާމްކުރުމަށް މަސައްކަތްކުރަމުންދާކަމަށް އިކޮނޮމިކް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި އަންނަ އަހަރުގެ އެޕްރީލްމަހު އެކަން ހަމަޖެހިގެންދާނޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ދަނީ އައްޑޫގައި ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އައްޑޫގެ ފަތުރުވެރިކަމަށް ހުޅުވާލެވޭ އެނދުތައް އިތުރު ކުރުމަށް މިހާރުވެސް އައްޑޫގެ އަވަށްތަކުން ވަނީ ގެސްޓު ހައުސްއަށް ބިން ދޫކުރުމަށް އިއުލާން ކުރައްވާފައެވެ.