ދީން

ހަރުކަށި ފިކުރު ފެތުރުމުގެ ތުހުމަތުގައި 3 ޢިލްމުވެރިއަކަށް ދީފައިވާ ހުއްދަ ވަގުތީގޮތުން ހިފަހައްޓައިފި


ހަރުކަށި ފިކުރު ފެތުރުމަށް މަގުފަހިވާގޮތަށް އަމަލުތައް ބަހައްޓާކަމަށް ތުހުމަތު ކުރެވޭތީ 3 ޢިލްމުވެރިއަކަށް ރާއްޖޭގައި ދީނީ ތަޤްރީރުކުރުމާއި، ވަޢުޡު ބުނުމަށް އިސްލާމިކް މިނިސްޓްރީން ދީފައިވާ ހުއްދަ ވަގުތީގޮތުން ހިފަހައްޓައިފި.

ދީނީ ދަރުސްދިނުމަށް ދޫކޮށްފައިވާ ހުއްދަ ވަގުތީގޮތުން އިސްލާމިކް މިނިސްޓްރީން ހިފަހައްޓާފައިވާ 3 ޢިލްމުވެރިންނަކީ ނ. ޅޮހީ މަނަދޫގެ ޢަބްދުއްރަޙީމް މުޙައްމަދާއި، ސ. މީދޫ ދެކުނުގެ ޖަޢުފަރު ފާއިޒުގެ އިތުރުން، ގދ. ތިނަދޫ ރެޑްސީ މުޙައްމަދު ޙަސަނެވެ.

މި 3 ޢިލްމުވެރިނަށްވެސް މިނިސްޓްރީން ދީފައިވާ ހުއްދަ ވަގުތީގޮތުން ހިފަހައްޓާފައިވަނީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުންކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މި 3 ޢިލްމުވެރިންގެ ތެރެއިން ޢަބްދުރަޙީމް މުޙައްމަދާއި، ޖަޢުފަރު ފާއިޒަށް ދޫކޮށްފައިވާ ހުއްދަ ހިފަހައްޓާފައިވަނީ ޢާންމުންގެ މެދުގައި ދީނީ ބައިބައިވުން އުފެއްދުމާއި، އަނިޔާވެރި ލާއިންސާނީ ދަށުދަރަޖައިގެ އަމަލުތަކަށް މަގުފަހިވާގޮތަށް ދީނުގެ ނަމުގައި ވާހަކަދެއްކުމާއި، ރާއްޖެއިން ބޭރުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަތަކުގައި ބައިވެރިވުމަށް ހިތްވަރު ލިބޭގޮތަށް ވާހަކަދައްކަމުންދާތީ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މުޙައްމަދު ޙަސަނަށް ދީފައިވާ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަގުތީގޮތުން ހިފަހައްޓާފައި ވަނީ އިސްލާމްދީނުގެ ދަންނަބޭކަލުންގެ މެދުގައި ޚިލާފު އުފެދިފައިވާ މައްސަލަތަކާއި ބެހޭގޮތުން މުޖުތަމަޢުގައި ބައިބައިވުމާއި، ފިތުނަފަސާދަޔައަށް މަގުފަހިވާނޭހެން ވާހަކަދެއްކުމާއި، ދީނީ ޢިލްމުވެރިންގެ މެދުގައި ޙަޤީޤަތާއި ޚިލާފު ވާހަކަތައް ފަތުރަމުންދާތީއެވެ. އަދި އޭނާ ދަންނަބޭކަލުންގެ އިޖުމާޢުން އެނގެންނެތްކަންކަމުގައި ތިމާ އަމިއްލައަށް ދެކޭގޮތަކީ އިސްލާމްދީނުގައި ހަމައެކަނި އޮތްގޮތްކަމުގައި ހަދައި، އެގޮތަށް ބާރުއަޅައި ވާހަކަދެއްކުމާއި، އެފަދަ މޭރުމުން ސޯޝަލް މީޑިއާގައި މަޢުލޫމާތު ފަތުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.