ތަޢުލީމު

ލިޔުންތެރިކަމުގެ މަންފާ އެންމެ ހެޔޮގޮތުގައި ލިބިގަތުން މުހިންމު


ލިޔުންތެރިންގެ ދައުރު ރަނގަޅަށް ދެނެގަނެ، ދިވެހިބަހާއި ގައުމިއްޔަތުގެ ރޮނގުގައި، އަދި ދިވެހިރާއްޖެއަށް ބޭނުންވާ ތަރައްގީގެ ރޮނގުގައި ކުރިއަރައި ދިއުމާއި، ލިޔުންތެރިކަމުގެ މަންފާ އެންމެ ހެޔޮގޮތުގައި ލިބިގަތުމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް އިލްތިމާސްކުރައްވައިފިއެވެ.އެކަމަނާ މި ކަމަށް އިލްތިމާސްކުރެއްވީ ދިވެހިރާއްޖޭގެ ލިއުންތެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދެއްވި ޚިތާބުގައެވެ.މިނިސްޓަރގެ ޚިތާބުގައި، ބަވަނަ ވަންތަކަމަށް ހުޅުވިފައިވާ އަދުގެ ދިވެހިރާއްޖެ އަކީ  އިމެއް މިނެއް ނެތް ގޮވާލުންތަކަށް ހުށައެޅިފައިވާ ރާއްޖެއެއްކަމަށާއި، އެހެންކަމުން މި ފަދަ ފައްތަރެއްގެ މަތިން ގައުމާއިގެން ކުރިއަށް ދިއުމުގައި އިލްމީ މިންގަނޑުތަކާއި ފަންނީ މިންގަނޑުތަކާއި ސުލޫކީ ހަމަތައް ނެގެހެއްޓުމަށް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިނިވަންކަމުގެ ރަންޔޫބީލްގެ މުނާސަބަތާ ގުޅުވައިގެން ގައުމުގެ މާޒީއާއި މުސްތަގުބަލް އަމާނާތްތެރިކަމާ އެކު ދައްކުވައި ދިނުމަކީ ލިޔުންތެރިން ކުރަން ވެއްޖެކަމެއްކަމުގައި މިނިސްޓަރ ފާހަނގަކުރެއްވިއެވެ.ގައުމުގެ އަމިއްލަ ވަންތަކަމާއި އިސްތިގުލާލު ނަގަހައްޓައި ދަމަހައްޓައިދީ، ޒަމާނުގެ އޮޔާ ވައިގައި ރަނގަޅު މިސްރާބަކަށް ހިފައްޓައިދިނުމުގެ އާރުކާޓީންނަކީ ލިޔުންތެރިންކަމަށާއި، މުޖުތަމައަށް އަންނަން ހުރި ގޮންޖެހުންތަކާއި، ގައުމުގެ ތަރައްގީގެ ދުވެލީގެ ރަނގަޅު މިސްރާބަށް ގެންދިއުމަށާއި، ބަވަނަވަންތަ ދުނިޔޭގެ ބައިވެރިއެއްގެ ގޮތުން ގައުމު ކުރިއަރައި ދިއުމުގައި ސިކުނޑިތަކުން އެކަށޭނަ ޖާގަ ހަދައިދޭ އެންމެ މުހިންމު ބައިވެރިންނަކީ ލިޔުންތެރިންކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.