ޚަބަރު

މަސްވެރިންގެ ޕާކު ސަރަޙައްދުގެ ޖެޓީ އަންނަ ހުކުރުދުވަހުން ފެށިގެން ފަތުރުވެރިންނަށް ބޭނުންކުރެވޭނެ


މާލޭ މަސްވެރިންގެ ޕާކު ސަރަޙައްދުގެ ޖެޓީ އަންނަ ހުކުރުދުވަހުން ފެށިގެން ފަތުރުވެރިންނަށް ބޭނުންކުރަން ހުޅުވާލާނެކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ. މިއީ މާލެ ޒިޔާރަތްކުރާ ފަތުރުވެރިން މަޑުކޮށްލައިގެން ތިބުމަށްހަދާ މިފަދަ ފުރަތަމަ ޖެޓީ ސަރަޙައްދެވެ.

މާލޭއަކީ ރާއްޖޭގެ ވެރިކަންކުރާ ސިޓީއަށް ވުމާއި، އަދި އާސާރި ގިނަ ތަންތަން ހިމެނޭ ތަނަކަށް ވުމާއެކު ކޮންމެ ދުވަހަކުވެސް ގިނަ ފަތުރުވެރިންތަކެއް މާލެއަށް ޒިޔާރަތްކުރެއެވެ. ކައިރި ރިސޯޓްތަކާއި ކުރޫޒް ލައިނާތަކުން އަންނަ ފަތުރުވެރިންގެވެސް މައި މަންޒިލަކަށް ވަނީ މާލެ ސިޓީއެވެ.

ފަރުރުވެރިން މާލެއައިސް މަޑުކޮށްލައިގެން ތިބެވޭނެތަނެއް މާލޭގައި ނެތުމަކީ އެމީހުންގެ އެންމެ ބޮޑު ޝަކުވާއެވެ. އެގޮތުން ކުރޫޒް ލައިނާތަކުން މާލެ އަންނަ ފަތުރުވެރިން އާންމުގޮތެއްގައި މަޑުކޮށްގެންތިބެނީ ރަސްމީ ފާލަން ސަރަޙައްދުގައި ޓެންޓު ޖަހައިގެންނެވެ. އެހެންކަމުން މާލެ ސިޓީ ކައުންސިލުން ފަތުރުވެރިންނަށް ޚާއްސަ ސަރަޙައްދެއްގެ ގޮތުގައި މާލޭ މަސްވެރިންގެ ޕާކު ސަރަޙައްދު ތަރައްޤީކޮށްފައިވަނީ މާލެ ސިޓީ އަކީ ފަތުރުވެރިންނަށް ބޭނުންވާ ޚިދުމަތްތައް ފަހި ތަނަކަށް ހެދުމުގެ ގޮތުންނެވެ.

މިކަމަށް ޚާއްސަކޮށްގެން މަސްވެރިންގެ ޕާކުގައި ތަރައްޤީކޮށްފައިވާ އިމާރާތުގައިވަނީ ފަތުރުވެރިންނަށް ޚާއްސަ ފާޚާނަތަކާއި، ގެސްޓް ރިލޭޝަން އޮފީހަކާއި، އިންފޮމޭޝަން ކައުންޓަރާއި، ފަތުރުވެރިންނަށް މަޑުކޮށްލައިގެން ތިބެވޭނެ ސަރަޙައްދެއްވެސް ހަދާފައެވެ.

ސިޓީ ކައުންސިލުން ބުނެފައިވަނީ އަންނަ ހުކުރު ދުވަހުން ފެށިގެން މަސްވެރިންގެ ޕާކު ސަރަޙައްދު ފަތުރުވެރިންނަށް ބޭނުންކުރެވޭނެކަމަށެވެ.
ސިޓީ ކައުންސިލުން މިހާރުވަނީ މަސްވެރިންގެ ޕާކު ސަރަޙައްދު ބޭނުންކުރަން ޝަޢުޤުވެރިވާ ޓުއަރިސްޓް އެޖެންޓުންނަށް އެ ފުރުޞަތުވެސް ހުޅުވާލާފައެވެ. އެގޮތުން އެކަމަށް އެދި ހުކުރު ދުވަހުގެ ކުރިން ސިޓީ ކައުންސިލަށް ހުށައެޅުމަށް އެ ކައުންސިލުންވަނީ އެދިފައެވެ..


މަސްވެރިންގެ ޕާކު ސަރަހައްދުގައި ހަދާފައިވާ ފާޚާނަބަރީގައި 8 ފާޚާނަ ހުރެއެވެ. މީގެތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ މީޙުންނަށް ޚާއްސަ ފާޚަނަވެސް ހިމެނެއެވެ. މި ފާޚަނަތަށް ބޭނުންކުރާނީ ޕޭ ޓޮލިލެޓުގެ ގޮތުގައެވެ.

އަލަށް ތަރައްޤީކުރި އިމާރާތުގައިވަނީ ގެސްޓް ރިލޭޝަން އޮފީހެއްވެސް ހަދާފައެވެ. މާލެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ގެންނަ އެޖެންޓުންނާއި، ކުރޫޒް ލައިނަރތަކުން އަންނަ ފަތުރުވެރިންނަށް މަރުޙަބާ ކިޔާނީ އެ އޮފީހުގައި މަސައްކަތްކުރާ ގެސްޓް ރިލޭޝަން އޮފިސަރުންނެވެ. އަދި ފަތުރުވެރިންނަށް ބޭނުންވާ އެންމެހާ މަޢުލޫމާތުތައް އިންޕޮމޭޝަން ކައުންޓަރު މެދުވެރިކޮށް ލިބޭނެކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ..