ޚަބަރު

ވިސާގެ އެއްބަސްވުންތަކާއެކު ދުނިޔޭގައި ރާއްޖެ އިޝްތިހާރުވޭ - މިނިސްޓަރ ޝާހިދު


ދުނިޔޭގެ ބޮޑެތި ޤައުމުތަކާއިއެކު ވިސާގެ އެއްބަސްވުންތައް ޤާއިމުވެގެން ދިއުމަކީ، އެހެން ޤައުމުތަކުގައި ރާއްޖޭގެ ވާހަކަތައް ފެތުރި، ރާއްޖޭގެ މަޤްބޫލުކަން އިތުރުވާ ސަބަބެއްކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޖަރމަން ޝެންގަން ވިސާ އަންނަ މަރޗްމަހުން ފެށިގެން ރާއްޖެއިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވިދާޅުވީ ރާއްޖެފަދަ ކުޑަ ޤައުމަކުން މިފަދަ ކުރިއެރުންތައް ހޯދަމުން އަންނާތީ މުޅި ދުނިޔޭގެ ސަމާލްކަން ރާއްޖެއަށް ވަރަށް ބޮޑަށް ޢަމާޒުވާކަމަށެވެ. އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުވެ އިޤްތިސާދީގޮތުން ހުޅުވޭ މުހިންމު ދޮރެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ކުރިން ރަޝިއާއި ދެމެދު ވިސާގެ އެއްބަސްވުން ޤާއިމުވުމާއިއެކު، އެވާހަކަ ވަރަށް ބޮޑަށް ފެތުރުނު، ރާއްޖެ ފަދަ ކުޑަ ޤައުމަކަށް މިފަދަ ފުރުސަތެއް ދިނީ ކީއްވެގެންކަމާއިމެދު. މިއާއިއެކު އެހެން ޤައުމުތަކުންވެސް ރާއްޖެއާއި ބައްދަލުކޮށް ވިސާގެ އެއްބަސްތަކަށް އައުމުގެ ޝަޢުޤުވެރިކަން ފާޅުކުރި. މިއީ ލިބޭ ކުރިއެރުމެއް" މިިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ ޖަރުމާނާއެކު ޤާއިމުކުރާ ޝެންގަން ވިސާގެ އެއްބަސްވުމާއިއެކު ޔޫރަޕްގެ އެހެން ޤައުމުތަކުންވެސް ރާއްޖެއާއި ވިސާގެ އެއްބަސްވުންތައް ޤާއިމުކުރުމަށް ޝަޢުގުވެރިކަން ފަޅުކޮށް، އެކަމުގެ މަޝްވަރާތައް ކުރިއަށްދާކަމަށެވެ.

ޖަރުމަންވިލާތުން މިދިޔަ އޮކްޓޯބަރު މަހާއި ހަމައަށް 110 ހާސް ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. އަދި މި އަހަރު ނިމޭއިރު މި އަދަދު 140 ހާހަށް އަރާނެކަމަށް ވަނީ ލަފާކޮށްފައެވެ.