ކުޅިވަރު

ރާއްޖޭގެ ފިރިހެން ހޭންޑްބޯޅަ ޓީމް ކުރިއެރުން ހޯދައިފި، ކުރިމަގާއިމެދު އުއްމީދު ބޮޑު: ކޯޗު


ސައުތް އޭޝިއަން ގޭމްސްގައި ޤައުމީ ފިރިހެން ހޭންޑްބޯޅަ ޓީމުން އުއްމީދީ ކުޅުމެއް ދެއްކިކަމަށާއި، ކުރިމަގުގައި ހޭންޑްބޯޅައިން ރާއްޖެއަށް ކާމިޔާބު ހޯދޭނެކަމަށް ޤައުމީ ހޭންޑްބޯޅަ ޓީމްގެ ކޯޗް ސަރބިޔާގެ ބްރަޓިސްލާވް ބުނެފިއެވެ.

ސައުތް އޭޝިއަން ގޭމްސްގައި ރާއްޖޭގެ ހޭންޑްބޯޅަ ޓީމް ކުޅުނު ދެ މެޗުންވެސްވަނީ ބަލިވެފައެވެ. މިއީ ޤައުމީ ފިރިހެން ހޭންޑްބޯލް ޓީމް ކުޅުނު ފުރަތަމަ ބައިނަލަގްވާމީ ފުރަތަމަ މުބާރާތެވެ. ގޭމްސްގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ބަލިވީ 38 ގޯލް، 22 ގޯލުންނެވެ. އަދި އިންޑީޔާއ އަތުން ބަލިވީ 47 ގޯލް 15 ގޯލުންނެވެ.
ޤައުމީ ފިރިހެން ހޭންޑްބޯޅަ ޓީމްގެ ކޯޗް ބަރަޓިސްލާވް ބުނީ ފާއިތުވި 2 މަސް ތެރޭގައި ޤައުމީ ފިރިހެން ހޭންޑްބޯލް ޓީމަށް ލިބުނު ކުރިއެރުން ވަރަށް ބޮޑަށް ފާހަގަކުރެވިފައިވާކަމަށެވެ. ގޭމްސްގައި ރާއްޖޭގެ ޓީމްއިން ވާދަކުރި ބަންގަލްދޭޝް އާއި އިންޑިޔާއަކީ މިގޭމްސްގައި ވާދަކުރި ޤައުމްތަކުގެ ތެރެއިން އެންމެ މޮޅު ދެ ގައުމުކަމަށެވެ.

ކޯޗު ބްރަޓިސްލާވް ބުނީ ފުރަތަމަ ގޭމްސްއަށް ބަލާއިރު ޓީމުން ދެއްކި ކުޅުން ރަނގަޅުކަމަށާއި، ނަތީޖާވެސް ރަނގަޅުކަމަށެވެ. އަދި ކުޅުންތެރިންގެ ފަރާތުން އައުކަން ފެނުނު ނަމަވެސް ކޮންމެ ކުޅުންތެރިއަކުވެސް މިދިޔަ ދެ މަސްދުވަހު ކުރިއެރުން ހޯދާފައިވާކަން އޭނާ ފާހަކުރިއެވެ.

ކޯޗު ބުނީ ކުޅުންތެރިންގެ ކިބައިގައި ހުނަރު އެބަހުރިކަމަށާއި، މަދީ ތަޖުރިބާކަމަށް. އިންޑޯރގައި ކުޅޭ ހޭންޑްބޯޅަ އައުޓްޑޯރގައި ކުޅޭ އެހެން ގައުމެއް ދިވެހިރާއްޖެ ނޫނީ ނުދެކޭކަމަށާއި، މި ކުޅިވަރުން ކުރިއަށްދާން ބޭނުންނަމަ ވީހާވެސް އަވަހަށް އިންޑޯރ ކޯޓެއް ހޯދުން މުހިންމުކަމަށްވެސް ކޯޗު ފާހަގަކުރިއެވެ.

“ރާއްޖޭގެ ކުޅިވަރު ވަސީލަތްތަށް ނެތުން މިއީ ވަރަށް ބޮޑު ގޮންޖެހުމެއް. އިންޑޯ ކުޅިވަރެއް، ވެލީގައި ފަރިތަކުރުންތައް ކުރިއަށް ގެދިއުމަށްފަހު، މުބާރާތުގައި އިންޑޯގައި ކުޅުން. ދުނިޔޭގައި އެއްވެސް ގައުމެއްގައި މިކަން މިގޮތަށް ކުރާތަނެއް އަދި ނުފެނޭ. ވެލީގައި ފަރިތަކޮށްގައި އިންޑޯއަށް ދިއުމުން ވަރަށް ތަފާތު ހުންނާނެ. ދުވުމުގައިވެސް ބޯޅަ އުކުމިުގައިވެސް ހާއްސަކޮށް ބޮޅަ ހިފަން ގެންނަ ހަރަކާތްތައްވެސް ވަރަށް ބޮޑަށް ތަފާތުވާނެ. މިއީ މިކަން ކުރެވޭނެ ގޮތެއްނޫން. އެބަޖެހޭ އިންޑޯ ހޯލެއް ބިނާ ކުރަން. އިންޑޯގައި ކުޅޭނަމަ، ރާއްޖޭގެ ހޭންޑްބޯލް ވަރަށް ބޮޑަށް ކުރިއަރާނެ. މިކުޅިވަރުގައި މުސްތަގްބަލް އެބައޮތް.” ކޯޗް ބުންޏެވެ.