ޚަބަރު

ރާއްޖެ ތަރައްޤީ ކުރާނީ، ރައްޔިތުން އެދޭގޮތަށް، ރައްޔިތުންނަށް އިޚްތިޔާރާއި ބާރުތައް ދީގެން - ރައީސް


ރާއްޖެ ތަރައްޤީ ކުރާނީ، ރައްޔިތުން އެދޭގޮތަށް، ރައްޔިތުންނަށް އިޚްތިޔާރާއި ބާރުތައްދީގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ވިއަވަތި ރާއްޖެ މަޝްވަރާ ބައްދަލުވުން ފެއްޓެވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލާއި އެކުގައި ކައުންސިލްތަކަށް ހިންގުމުގައި އިސްކަންދެއްވަންވީ މުހިންމު ކަންތައްތަކަށް އަލި އަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

200 އަށްވުރެ ގިނަ ކައުންސިލަރުންނާއިއެކު ކްރޮސްރޯޑް މޯލްޑިވްސްގައި ކުރިއަށްދިޔަ މަޝްވަރާ ބައްދަލުވުން ފައްޓަވައި ދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެ ތަރައްޤީ ކުރާނީ، ރައްޔިތުން އެދޭގޮތަށް، ރައްޔިތުންނަށް އިޚްތިޔާރާއި ބާރުތައް ދީގެންކަމަށެވެ. ރައީސް ވަނީ މިއަދު ތަސްދީގުކުރެއްވި ލާމަރުކަޒީ ޤާނޫނުގައި ހުރި އުޞޫލުތައް ޤަބޫލުކުރާ، ޤާނޫނު ތަންފީޒު ކުރުމުގައި ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކައުންސިލަރުން ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި، އިންތިޚާބު ކުރުމަށް އިސްކަންދެއްވުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.


"އަޅުގަނޑުގެ އެންމެފަހު ބަހަކަށް މިއަދު ދަންނަވާލަން އޮތީ، އަޅުގަނޑުމެންނާ ވަރަށް ކައިރީގައި އެބައޮތޭ، ކައުންސިލްގެ އިންތިޚާބު. ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު މިއަދު ކުރާ އިލްތިމާސަކީ، އެ އިންތިޚާބުގައި މެންބަރުން ހޮއްވަވާއިރު، މި ޤާނޫނުގައި މިހުރި އުޞޫލުތައް ޤަބޫލުކުރާ، މި ޤާނޫނު ތަންފީޒު ކުރުމުގައި ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކައުންސިލަރުން އިންތިޚާބު ކުރުމަށް އިސްކަން ދެއްވާށޭ. މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެން ރާއްޖެ ތަރައްޤީ ކުރާނީ، ރައްޔިތުން އެދޭގޮތަށް، ރައްޔިތުންނަށް އިޚްތިޔާރާއި ބާރުތައް ދީގެން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ގާނޫނު ތަންފީޒުކުރުމުގެ ޒިންމާ ކޮޑުގައިއެޅޭ ކައުންސިލަރުން އެއްވެސް ރައްޔިތެއްގެ މެދުގައި ތަފާތުކުރުމެއްނެތި ހަމަހަމަ ކަމާއިއެކު ޚިދުމަތް ދިނުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ. ރައްޔިތުންނަށް ޚިދުމަތްދިނުމުގައި ދައުލަތުގެ ބަޖެޓްގެ ބޮޑު އިންސައްތައެއް ކައުންސިލްތަކަށް ޚާއްސަވެފައި ވާއިރު ބަޖެޓްގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ. ފާއިތުވެދިޔަ 1 އަހަރުގެ ތެރޭގައި ވަރަށް ގިނަ ކައުންސިލަރުންނާއި ބައްދަލުވެ އެބޭފުޅުންގެ ކަންބޮޑުވުން ސާފުވެފައި ވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ބަޖެޓްގެ ދަތިކަމާއި ޚިދުމަތް ދިނުމުގައި ހުރި ކަންބޮޑުވުންތައް އެބޭފުޅުން ހިއްސާ ކުރައްވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވި. ނަމަވެސް ގާނޫނަށް މިގެނެވުނު ބަދަލުތަކާއިއެކު މިކަންކަން ހައްލުކުރެވި ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ.

"މީގެކުރިން ތިޔަބޭފުޅުން އަޅުގަނޑާ ބައްދަލުވާ ކޮންމެ ފަހަރަކު، އަޅުގަނޑާ ކުރައްވާ ސުވާލުތަކެއް ހުރޭ. ރަށުގެ ތަރައްޤީއަށް ކުރަންހުރި ކަންތައްތައް ނުކުރެވިގެން، އެކަމުގެ ޝަކުވާތައް ތިޔަބޭފުޅުން ކުރައްވާ. އެހެން ނަމަވެސް، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުން، އެ ސުވާލުތައް، ދެން އަޅުގަނޑު ކުރާނީ ތިޔަބޭފުޅުންނާ. ކީއްވެގެންތޯ، ރަށުގެ މިވެނި ކަމެއް، އެވެނި ކަމެއް ނުކުރެވި އޮތީ؟ އަޅުގަނޑުމެން ފައިސާ އެބަ ދޫކޮށްލަން. އިޚްތިޔާރާއި ބާރު އެބަ ދޫކޮށްލަން. އެހެންވީމާ، އަޅުގަނޑާ ބައްދަލުވާ ކޮންމެފަހަރަކު، ތިޔައިން ކޮންމެ ބޭފުޅެއްގެ އަރިހު އަޅުގަނޑު ސުވާލުކުރާނަން، ކީއްވެގެންތޯ، މިވެނި ކަމެއް ނުކުރެވި އޮތީ؟" ރައީސް ޞާލިޙް ވިދާޅުވިއެވެ.

މިހަފްލާ ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ ވަނީ ވެރިކަމުގެ ލައްޒަތާއި ޝަރަފަށްޓަކައި ބާރުތައް މުށުތެރެއަށް ލައްވައިގެން ވެރިކަން ހިންގެވުމަށް ބޭނުންފުޅުވެވަޑައި ނުގަންނަވާ ކަމުގައި ތަކުރާރުކޮށް ވިދާޅުވެފައެވެ. ރައްޔިތުން ވެރިކަން ހަވާލުކުރީ ބާރުތައް ދޫކޮށް ހެޔޮ ވެރިކަމެއް ކުރުމަށް ކަމަށާއި އެކަން ކުރުމުގައި މާޒީގައި ކަން ހިގައިދިޔަ ގޮތަށް ކަންކަން އިއާދަވެގެން ދިއުމަކީ ގަބޫލުކުރައްވާކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު މިއަދުވެސް ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، ވެރިކަމުގެ ލައްޒަތާއި ޖާހަތު މަތިކުރުމަށްޓަކައި، ބާރުތައް މުށުތެރެއަށްލުމަކީ، އަޅުގަނޑު ކުރާނެ ކަމެއް ނޫންކަން. ބާރުތައް މުށުތެރެއަށްލުމަކީ، ވެރިކަން ކުރުމަށް ވަރަށް ފަސޭހަގޮތަކަށް ވެދާނެ. އެހެން ނަމަވެސް އެއީ، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތެއް ނޫން. ސަރުކާރު ހިންގުމުގައިވެސް އަޅުގަނޑު މި ގެންގުޅެނީ އެ އުޞޫލު. މިނިސްޓްރީތަކަށް، މިނިސްޓަރުންނަށް ބާރުތައް ދޫކޮށްލައި، މަސައްކަތް ކުރުމުގެ އިޚްތިޔާރު ދިނުން." ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވިއެވެ.

މުހިއްމު އިސްލާހުތަކާއި އެކު ތަސްދީގުކުރެވުނު ލާމަރުކަޒީ ގާނޫނާއި އެކީ ކައުންސިލްތަކަށް ސަރުކާރުން ދޭން ވައުދުވި ބާރުތައް ދިނުމުގެ މުހިންމު މަސައްކަތުގެ ބިންގާ، އެޅިގެން މިދިޔައީކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ފާއިތުވެދިޔަ ތަނުގައި ކައުންސިލްތަކުގެ އަތްފައިބަދެވިފައި އޮތް ނިޒާމު ބަދަލުވެ އައު ގާނޫނާއިއެކު ކައުންސިލްތަކަށް ހަރަކާތްތެރިވުމުގެ މިނިވަންކަން ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.