ވިޔަފާރި

ފިޔާގެ އަގު މޮނިޓަރކުރުމުގެ މަސައްކަތް ދަނީ ކުރަމުން - އިކޮނޮމިކް މިނިސްޓްރީ


ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު ބޮޑުވެފައިވާތީ އަގު މޮނިޓަރ ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، ރާއްޖޭގައި ފިޔާގެ އަގު ބޮޑުވެފައިވަނީ މި ސަރަހައްދުގައިވެސް ފިޔާގެ އަގު ބޮޑުވެފައިވާތީކަމަށެވެ. އެހެންކަމުން އަގު މޮނިޓަރކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ފިޔާ އަގުބޮޑުވުމުގެ މައްސަލައިގައި ދެން އެޅެން އޮތް ފިޔަވަޅަކީ ސަރުކާރުން ފިޔާ ގެނެސް ހެޔޮ އަގުގައި ވިއްކުން ކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެސްޓީއޯއިން ވިދާޅުވީ، ރާއްޖެއިން ބޭރުން ފިޔާ ގެނައުމަކީ އެ ކުންފުނިން މިހާރު ކުރަމުން އަންނަ މަސައްކަތެއް ނޫންކަމަށާއި، އެ ކުންފުނިންވެސް މިހާރު ފިޔާ ވިއްކަނީ ހޯލްސޭލްކުރާ ފަރާތްތަކުގެ އަތުން ގަނެގެންކަމަށެވެ. ނަމަވެސް ބާޒާރުގައި ފިޔާގެ އަގު މަތިވެގެންދާ ދަނޑިވަޅުގައި އެސްޓީއޯއިން ބޭރުން ފިޔާގެ ސްޓޮކް ގެނެސްގެން ވިއްކަމުން އަންނަކަމަށެވެ. ބާޒާރުގައި މިހާރު ފިޔާގެ އަގު މަތިވެގެންއުޅޭތީ މިކަމުގައި އެޅޭނެ ފިޔަވަޅެއް ބަލަމުން އަންނަކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

ބާޒާރުގައި މިހާރު ފިޔާ ކިލޯއެއްގެ އަގު އުޅެނީ 60 ރުފިޔާއާއި 70 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ. ނަމަވެސް ބައެއް ފިހާރަތަކުން ފިޔާ ކިލޯއެއް 50 ރުފިޔާއަށްވެސް ވިއްކަމުން އެބަދެއެވެ.

ޕީއެސްއެމް ނިއުސްއަށް ވާހަކަދައްކަވަމުން ބައެއް ވިޔަފާރިވެރިން ބުނީ ފިޔާ ރާއްޖެ އެތެރެކޮށް ވިއްކުމުގައި އެ ކުންފުނިތަކަށްވެސް ގޮންޖެހުން ހުރިކަމަށެވެ. އަދި އެ ފިހާރަތަކުން މިހާރު ފިޔާ ވިއްކަމުންދަނީ ވިއްކެން އޮތް އެންމެ ހެޔޮ އަގުގައިކަމަށް ވިޔަފާރިވެރިން ބުނެއެވެ.

މި ސަރަހައްދުގެ ގައުމުތަކުގައި ފިޔާގެ އަގު ބޮޑުވެފައި ވަނީ އެންމެ ގިނައިން ފިޔާ އުފައްދާ އިންޑިއާއިން ފިޔާ ވިއްކާ އަގު ބޮޑުވުމުންނެވެ. ފިޔާގެ އަގު އެ ގައުމުގައި އުފުލުނީ މިދިޔަ އޮގަސްޓްމަހު އެ ގައުމަށް ކުރި ވިއްސާރައިގައި ގިނަ އަދަދެއްގެ ފިޔާ ދަނޑުތައް ހަލާކުވުމުންނެވެ.