ޚަބަރު

މާލެއިން ތިލަފުއްޓަށް ގުޅާލާ ބްރިޖްގެ ތަފްސީލް ހާމަކޮށްފި


ބްރިޖާއި ކޯޒްވޭތައް ހިމެނޭހެން މާލެއިން ތިލަފުއްޓަށް ގުޅާލާ ބްރިޖްގެ ދިގުމިން 6.7 ކިލޯ މީޓަރަށް އަރާނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. ބްރިޖްގެ ކުރެހުންތަކަށް ޚިޔާލުހޯދުމަށް މިއަދުވަނީ ކޮންސަލްޓެންސީ މަސައްކަތް ކުރަމުންދާ ބޭރުގެ ކުންފުންޏާއި، ކަމާގުޅޭ ރާއްޖޭގެ މުޢައްސަސާތަކާއެކު ޚިޔާލު ހޯދުމުގެ ބައްދަލުވުމެއް ބާއްވާފައެވެ.

ބްރިޖްގެ މަސައްކަތްތައް ފެށުމަށް ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވީ މި ބައްދަލުވުމަކީ ބްރިޖްގެ ޑިޒައިން ހަދާއިރު މާޙައުލަށް އެންމެ އެކަށީގެންވާ ގޮތެއްގައި ޑިޒައިން ކުރުމަށް ޚިޔާލުހޯދުމަށް ކުރިއަށްގެންދިޔަ ބައްދަލުވުމެއްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މި މަޝްވަރާގެ ތެރެއިން ބްރިޖްގެ ކުރެހުންތައް ފައިނަލްވާއިރު ގެންނަން ބޭނުންވާ ބަދަލުތައް ޙިއްސާކުރައްވާނެކަމަށެވެ. މި ބައްދަލުވުމުގައިވަނީ ބްރިޖް ދާނެ މަގާއި، ސްޓްރަކްޗަރއާއި، ހުންނާނެ ލޭނުގެ އަދަދާއި ގުޅޭގޮތުން ޚިޔާލު ހުށައަޅާފައެވެ.

"ބްރިޖާއި، ބްރިޖް ގުޅޭ މަގުތަކާއިއެކު ބްރިޖްގެ ދިގުމިނަކީ 6.7 ކިލޯ މީޓަރ. ފުޅާމިން ކަނޑައެޅުމުގެ މަސައްކަތް މިކުރަނީ. ޔަގީނުންވެސް މަދުވެގެން ފަޅިއަކު 2 ލޭން ހުންނާނެ." އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ގުޅީފަޅު ބްރިޖާއި ގުޅުވާލާނީ ގުޅީފަޅުން ހިއްކާ ބިމުގައި ހަދާ މަގަކުންކަން ނިންމާފައިވާކަމަށެވެ.

"މަސައްކަތް ކުރަނީ އަންނަ ޖޫންގައި ބްރިޖްގެ މަސައްކަތް ޓެންޑަރ ކުރުމަށް. އެހާއިރަށް ހުންނާނީ ޑީޓެއިލް ޑިޒައިންތައް ނިމިފައި." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ ބްރިޖް ހަދާނީ މާލެއާއި ވިލިނގިއްޔާ ދެމެދު ކަނޑުއޮޅިން ދޯނިތަކަށް ދަތުރުކުރެވޭ ގޮތަށްކަމަށެވެ. އަދި ވިލިނގިއްޔާ ގުޅީފަޅު އަދި، ގުޅީފަޅާއި ތިލަފުއްޓާއި ދެމެދުންވެސް ކުދި އުޅަނދުތަކަށް ދަތުރުކުރެވޭނަކަމަށް ވިދާޅުވިއެވެ.

ސަރުކާރުން ލަފާކޮށްފައިވަނީ ބްރިޖްގެ މަސައްކަތަށް 450 އާއި 600 މިލިއަނާއި ދެމެދު ރުފިޔާ ޚަރަދުވާނެކަމަށެވެ. ނަމަވެސް ފައިނަލް އަގު އިނގޭނީ ޑީޓެއިލް ކުރެހުންތައް ނިމުމުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސަރުކާރުންވަނީ އަންނަ އަހަރުގެ ބަޖެޓުގައިވެސް ބްރިޖް މަޝްރޫޢުއަށް 411 މިލިއަން ރުފިޔާ ހިމަނާފައެވެ. އަދި މި މަސައްކަތަށް ބޭނުންވާ ބިން ގުޅީފަޅުން ހިއްކުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.

މިނިސްޓްރީންވަނީ ޕްރޮޖެކްޓްގެ ފައިނަލް ޑީޓެއިލް ޑިޒައިންތައް ހެދުމަށް ހޮންގްކޮންގްގެ އަރޫޕް ލިމިޓެޑާއި ހަވާލުކުރުމަށް، އެކަމާއި ގުޅޭ ލިޔުންތައް ހުށައަޅާފައެވެ.

މާލެއާއި ވިލިނގިއްޔާއި ގުޅީފަޅާއި ތިލަފުށި ގުޅާލާ ބްރިޖަކީ އިންޑަސްޓްރިއަލް މަސައްކަތްތަކަށް މަގުފަހިކުރުމުގެ ޢަމާޒުގައި ހަދާ ބްރިޖެކެވެ. އަދި މިއީ ވިލިނގިލީގައި ދިރިއުޅޭ ރައްޔިތުންނަށް މާލެއާއި ދެމެދު ދަތުރު ކުރުމުގެ ލުއިފަސޭހަކަން ހޯދާދިނުމަށް ހިންގާ މަޝްރޫޢުއެކެވެ.