ޚަބަރު

ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދީފި


ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ލިބިދޭގޮތަށް ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުތަކާއިއެކު ފާސްކުރި ގާނޫނު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ތަސްދީޤު ކުރައްވައިފިއެވެ. ރައީސް މި ޤާނޫނު ތަސްދީގް ކުރެއްވީ "ވިއަވަތި ރާއްޖެ" ނަމުގައި ބޭއްވި ޚާއްސަ ސެމިނާގައެވެ. މި ސެމިނާއަކީ 200 އަށްވުރެ ގިނަ ކައުންސިލަރުންގެ ބައިވެރިވުމާއެކު ކްރޮސްރޯޑް މޯލްޑިވްސްގައި ކުރިއަށްދާ 2 ދުވަހުގެ ޚާއްސަ ސެމިނާގައެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މި ޑިސެމްބަރު މަހުގެ 5 ވަނަދުވަހުއެވެ. ބިލަށް ގެނައި އިސްލާހުތަކާއެކު މަޖިލީހުން ފާސްކޮށްފައިވަނީ 76 މެމްބަރުންގެ ވޯޓާއެކުގައެވެ. ލާމަރުކަޒީ ގާނޫނަށް މަޖިލީހުން ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި ކައުންސިލްތަކަށް މާލީ ބާރުވެރިކަންދީ، ކައުންސިލްތަކުގައި 33 އިންސައްތަ އަންހެނުން ހިމެނުމަށް ވަނީ ފާސްކޮށްފައެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އިޞްލާހުތަކުގެތެރޭގައި ރަށުގެ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ ވަސީލަތްތަކުން ލިބޭ އާމްދަނީގެ 40 އިންސައްތަ ކައުންސިލްތަކަށް ލިބުމާއި، މުނިސިޕަލް ޚިދުމަތްތަކުން ލިބޭ އާމްދަނީ އެއްްކޮށް ކައުންސިލްތަކަށް ދިނުން ހިމެނެއެވެ. އަދި ދައުލަތުގެ ބަޖެޓުގައި ހިމެނޭ ޑޮމެސްޓިކް ބަޖެޓުގެ 5 އިންސައްތަ ކައުންސިލްތަކަށް ދިނުމަށްވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހުން ފާސްކުރި ބަޖެޓުގައިވެސް ކައުންސިލްތަކަށް ދިނުމަށް 1.6 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މިއީ 2019ވަނަ އަހަރުގެ ބަޖެޓުގައި ފާސްކުރި 656 މިލިއަން ރުފިޔާއަށްވުރެ 2.4 ގުނަ އިތުރު އަދަދެކެވެ.

ރައީސް މިއަދު ތަސްދީޤު ކުރެއްވި ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ އިސްލާހާއެކު، ރަށްރަށުގައި ހިންގާ ފަސް މިލިއަން ރުފިޔާއިން ދަށުގެ މަޝްރޫޢުތައް ހިންގުމުގެ ބާރު ކައުންސިލްތަކަށް ލިބިގެންދާނެއެވެ. އަދި އަމިއްލަ ނަމުގައި ވިޔަފާރިކުރުމާއި ރަށުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއްކުރުމުގެ ބާރު ކައުންސިލްތަކަށް ވަނީ ދީފައެވެ.

މީގެ އިތުރުން 60،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ސިޓީތަކުގައި 19 ކައުންސިލަރުން ތިބޭގޮތަށްވެސް ޤާނޫނަށް ވަނީ ބަދަލުގެނެސްފައެވެ. އެހެންކަމުން އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލަށް 19 ކައުންސިލަރުން އިންތިޚާބުކުރަންޖެހޭނެއެވެ.

ކައުންސިލް އިންތިޚާބުގެ ޤާނޫނަށް ގެނައި އިސްލާހުތަކާއިއެކު އިންތިޚާބްތަކާއި ގުޅުންހުރި ޤާނޫނުތަކަށް ގެންނަނަށްޖެހޭ އިސްލަހުތައް ގެނައުމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ. އިލެކްޝަންސް ކޮމިޝަނުންވަނީ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރާ އަދަދުވެސް ޤާނޫނަށް ގެނައި ބަދަލުތަކާއިއެކު އާންމުކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ސިޓީ ކައުންސިލްތަކަށް ޖުމްލަ 39 ކައުންސިލަރުން އިންތިޚާބު ކުރުމަށް ނިންމާފައެވެ. އަދި އަތޮޅު ކައުންސިލްތަކަށް ރަށު ކައުންސިލްތަކުގެ ރައީސުން ހިމެނޭހެން ޖުމްލަ 923 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވަނީ ނިންމާފައެވެ. އަދި އަތޮޅު ކައުންސިލްތަކަށް 18 ކައުންސިލަރުން އިންތިޚާބުކުރާއިރު ރަށު ކައުންސިލްތަކުގެ ރައީސުން ހިމެނޭހެން އަތޮޅު ކައުންސިލަރުންގެ ގޮތުގައި 197 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ.

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޅާބު ބޭއްވުމަށް ނިންމާފައި ވަނީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 04 ވަނަ ދުވަހުގައެވެ.